އެމެރިކާ އާ އެކު ނިއުކްލިއާ ތަމްރީނެއް ހެދުމުގެ ވާހަކަ ދައްކާ ކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫކް ސުކް ޔިއޯލް ވިދާޅުވި ވާހަކަ އެމެރިކާގެ ރައީސް ޖޯ ބައިޑަން ދޮގުކުރައްވައިފިއެވެ.

ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޔޫން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ބިރާ ކުރިމަތިލާން އެމެރިކާ އާ އެކު ނިއުކްލިއާ އެކްސަސައިޒެއްގެ މަޝްވަރާ ކުރިއަށް ދާ ކަމަށެވެ.

އެމެރިކާގެ ބައިވެރިއާ، ޔޫން ގެ ވާހަކަ ދޮގު ކުރައްވާ ބައިޑަން ދެއްވި ހަމައެކަނި ޖަވާބަކީ "ނޯ" އެވެ. އެވާހަކަ އިތުރަށް ތަފްސީލު ކޮށްދެއްވަމުން އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، ދެކުނު ކޮރެއާ އަކީ ނިއުކްލިއާ ބާރަކަށް ނުވާ އިރު އެގައުމާ އެކު އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ހިއްސާ ނުކުރާނެ ކަމަށެވެ.

ކޮރެއާގެ ނޫސް، ޗޯސުން އިލްބޯ އަށް ދެއްވި ބަސްދީގަތުމުގައި ޔޫން އިތުރަށް ވިދާޅުވެފައި ވަނީ، ފުރިހަމަ ބާރާއެކު ހަނގުރާމައަށް ތައްޔާރުވަނީ ކަމަށެވެ. އަދި އެމެރިކާއާ ގުޅިގެން ހިންގަން ޕްލޭން ކުރާ އާ އަސްކަރީ ހަރާކާތްތަކަކީ މާފުރިހަމަ އަދި އެމެރިކާގެ ނިއުކްލިއާ ގާބިލް ކަމާއެކު ހިންގޭނެ ހަރަކާތްތަކެއް ކަމަށެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ ނިއުކްލިއާ ބިރާ ކުރިމަތިލާން އެމެރިކާގެ ނިއުކްލިއާ ބާރާއެކު ކުރިއަށް ދާން ސޯލް (ދެކުނު ކޮރެއާގެ ވެރިރަށް) ބޭނުން ވާ ކަމަށެވެ.

"ނިއުކްލިއާ ހަތިޔާރަކީ އެމެރިކާގެ އެއްޗެއް، ނަމަވެސް ޕްލޭން ކުރުމާއި މައުލޫމާތު ހިއްސާ ކުރުމާއި ތަމްރީނުތައް ކުރިއަށް ގެންދާނީ ގުޅިގެން، އަދި މި ހިޔާލަށް އެމެރިކާއިން ތާއީދުވެސް ކުރޭ"

މި ވާހަކަތައް ބައިޑަން ދޮގުކުރެއްވުމުން، ނޫސްވެރިން ކުރި ސުވާލެއްގެ ޖަވާބުގައި ޔޫންގެ ތަރުޖަމާން ވިދާޅުވީ، އެފަދަ ހައްސާސް ކަމެއްގައި ބައިޑަން އާ ސީދާ ދުވާލު ކުރުމުން ވިދާޅުވާނީ "ނޯ" ކަމަށެވެ.

އަދި އޭނާވެސް ވަނީ ޔޫން ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވައި، މައުލުމާތު ބަދަލު ކުރުމާއި ޕްލޭނިން ސްޓޭޖުން ފެށިގެން ދެގައުމުން ހަރަކާތްތެރި ވާނީ އެކުގައި ކަމަށާއި އެ އެކްސަސައިޒް ނުވަތަ ތަމްރީނުތަކުގައި އެމެރިކާގެ ނިއުކްލިއާ ބާރުވެސް ހިމެނޭ ކަމަށެވެ.

މި ދާއިރާގައި ދެގައުމުން ދައްކާ ވާހަކަ ދިމާ ނުވި ނަމަވެސް، ދެގައުމު ގުޅިގެން މުޅިން އާ އަދި ތަފާތު ފެންވަރެއްގައި އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ދަނީ މަޝްވަރާ ކުރަމުންނެވެ.