ޔޫކްރައިން އަށް އަސްކަރީ ގޮތުން އެހީވުމަށް ހަތިޔާރު ދިނުމަކީ ދެކުނު ކޮރެއާއިން ހަދާ ވަރަށް ބޮޑު 'މިސްޓޭކެއް" ކަމަށް ވިދާޅުވެ ޕުޓިން އިންޒާރު ކުރައްވައިފިއެވެ.
އުތުރު ކޮރެއާ އަށް ފަހު ވިއެޓްނާމަށް އިއްޔެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ, ރަޝިއާ އާ ދެކޮޅަށް ޔޫކްރައިން ބާރުވެރި ކުރުވުމަށް ދެކުނު ކޮރެއާ އިން ހަތިޔާރު ދޭ ނަމަ, އުތުރު ކޮރެއާ ބާރުވެރި ކުރަން ރަޝިއާއިން ހަތިޔާރު ދޭނެ ކަމަށެވެ.
އުތުރާއި ދެކުނަކީ މިހާރުވެސް ހަނގުރާމައެއްގެ ތުންފަތްމަތީގައި އޮތް ދެގައުމަށް ވާއިރު ޕުޓިންގެ މި އިންޒާރަކީ ސީރިއަސް އިންޒާރެއް ކަމަށް މުރާސިލުން ބުނެއެވެ. ޕުޓިން އުތުރު ކޮރެއާ އަށް ކުރެއްވި ދަތުރުގައި މައިގަނޑު 2 އެއްބަސްވުމެއް ގާއިމު ކުރައްވާފައި ވާ އިރު 1 އެއްބަސްވުމަކީ ހަނގުރާމައިގެ ހާލަތުގައި އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިކަމަށް އެދިއްޖެ ނަމަ އެހީވުމަށް ވި އެއްބަސްވުމެކެވެ.
ޕުޓިން އިއްޔެ މި އިންޒާރު ދެއްވަމުން އިތުރަށް ވިދާޅުވީ, އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ދެމިތިބޭނަމަވެސް އުތުރު ކޮރެއާ އަށް ހަތިޔާރު ފޯރުކޮށްދޭން ރަޝިއާ ތައްޔާރަށް އޮތް ކަމަށެވެ.
"ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށްދޭ ފަރާތްތަކުން ގަބޫލު ކުރަނީ އެމީހުން ރަޝިއާ އާ ހަނގުރާމައެއް ނުކުރާ ކަމަށް, އަހަރެން ބުނިން އުތުރުކޮރެއާ ހިމެނޭހެން ދުނިޔޭގެ އެތަން މިތަނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ހައްގު ރަޝިއާ އަށް ވެސް އޮންނާނެ ކަމަށް"
ރަޝިއާ އާއި އުތުރު ކޮރެއާ އާ ދެމެދު ހެދި އެއްބަސްވުންތަކުގެ މައްސަލައިގައި ދެކުނު ކޮރެއާއިން ކަންބޮޑުވުން ފާޅުކޮށް އިއްޔެ ބުނެފައި ވަނީ އެއީ ދެކުނު ކޮރެއާގެ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށް ދެކޭ ކަމަށާއި އަދި ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށްދޭން ވިސްނާ ކަމަށެވެ.
ނަމަވެސް ޕުޓިންގެ އެ އިންޒާރާއެކު ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުގެ ތަރުޖަމާ ވިދާޅުވީ, ހަތިޔާރު ފޯރުކޮށްދެވޭނެ ކިތަންމެ ގޮތްތަކެއް އެބަހުރި ކަމަށާއި އަދި އެކަން ބިނާވާނީ އެ ގައުމުން ފާހަގަ ކުރާ ގައުމީ ސަލާމަތަށް ނުރާއްކާވާ މައްސަލައިގައި ރަޝިއާއިން އަމަލު ކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.
އަދި ދެކުނު ކޮރެއާއިން ވަނީ އެގައުމުގައި ހުންނަވާ ރަޝިއާގެ އެމްބެސެޑަރު ހާޒިރުކޮށް އުތުރު ކޮރެއާ އާއެކު ހެދި އަސްކަރީ އެއްބަސްވުން ހިފެހެއްޓުމަށް އަންގާފައެވެ.
ޔޫކްރައިން ހަނގުރާމައިގައި ދެކުނު ކޮރެއާއިން މިހާތަނަށް ފޯރުކޮށްދީފައި ވަނީ އިންސާނީ އެހީ އާއި އަސްކަރީ އާލާތްތަކެވެ. ދެކުނު ކޮރެއާގެ ގާނޫނު ބުނާގޮތުން ހަނގުރާމައިގެ ހާލަތެއްގައި އޮތް ގައުމަކަށް ލީތަލް [މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރެއް] ދިނުން މަނަލެވެ.
ހުށިޔާރުވާތި! ނޭނގި ހުއްޓާ އަނދައިދާނެ. ގޭމަކޮޔާ ފިހިދާނެ. ޖަހަންނަމައަށް ބޯކޮޅު ވަތަށް ވެއްޓެން ޖެހިދާނެ. ޝުކުރިއްޔާ.