އުތުރު ކޮރެއާއިން ކާމިޔާބު ކަމާއެކު ޖާސޫސީ ސެޓެލައިޓެއް ޖައްވަން ފޮނުވާފައިވާ އިރު، އެގައުމުގެ ޖައްވީ އާލާތްތަކަށް އެއްވެސް ޒާތެއްގައި އެމެރިކާއިން ހުރަސް އަޅަން އުޅެފިނަމަ، އަދި އަޅަން މަސައްކަތް ކުރިކަން އެނގިއްޖެ ނަމަ އެއީ ހަނގުރާމަ އިއުލާން ކުރުން ކަމަށް ބުނެ އުތުރު ކޮރެއާއިން އިންޒާރު ކޮށްފިއެވެ.

އެގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ގައުމީ ޓީވީ، ކޭސީއެންއޭ އިން ބުނީ، ކޮރެއާއިން ޖައްވަން ފޮނުވި ސެޓެލައިޓަށް ހުރަސްއެޅުމަށް އެމެރިކާގެ ޖައްވީ ބާރުތަކުން މަސައްކަތެއް ކޮށް އިންޓަފެރެންސް [ސިގްނަލް ޖޭމް ކުރުން ނުވަތަ އެފަދަ ހުރަސްއެޅުމެއް] ކުރިމަތިވެއްޖެ ނަމަ އެއީ ސީދާ ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް ބަލާނެ ކަމަށާއި އަދި އެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ޑީޕީއާރުކޭ ރަމްޒުވަނީ ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ އަށް ކަމަށާއި އެއީ އުތުރު ކޮރެއާގެ ރަސްމީ ނަން ކަމަށެވެ.

އުތުރު ކޮރެއާއިން އެމެރިކާއަށް އާމާޒު ކޮށް މި އިންޒާރު ދިނީ، އެގައުމުން ޖާސޫސީ ސެޓެލައިޓް އަރުވާ ދުނިޔޭގެ އެތަން މިތާނގައި ތިބި ދުޝްމަނުންގެ މަގާމުތަކަށް ހަމަލާ ދިނުމަށް ބޭނުންވާ ސާފު މައުލޫމާތު މިހާރު ލިބެ ކަމަށް ބުނެ އެމެރިކާގެ ބޭސް އަކަށް ފާރަލަމުން ދާ ކަން ހާމަކުރުމާއެކު ނަން ހާމަ ނުކުރާ އެމެރިކާގެ ސްޕޭސް ކޮމާންޑުގެ އޮފިޝަލަކު ދެއްކި ވާހަކަ އަކާ ގުޅިގެންނެވެ. އެ އޮފިޝަލާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައި ވަނީ، އެމެރިކާއިން ބޭނުން ނަމަ، އެ ސަރަހައްދު [އުތުރު ކޮރެއާ] ހިމެނޭ ސަރަހައްދަށް ރައުޓާ ސިގްނަލް ދަށް ކުރުމާއި، ސިގްނަލް އެގޮތް މިގޮތަށް ބަދަލުކޮށްލެވިދާނެ ކަަމަށެވެ.

އުތުރު ކޮރެއާގެ ސެޓެލައިޓުގެ މައްސަލައިގައި އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާއިން ކަންބޮޑުވުން ފާޅުކޮށްފައި ވާ އިރު، ބިލިއަނަރު އިލޮން މަސްކުގެ ސްޕޭސް އެކްސް ގެ އެހީގައި ދެކުނު ކޮރެއާއިން ވަނި އެގައުމުގެ ފުރަތަމަ ޖާސޫސީ ސެޓެލައިޓް މި ނިމުނު ހަފްތާގައި ޖައްވަށް ފޮނުވާލާފައެވެ.