އުތުރު ކޮރެއާގެ ހަތިޔާރު ފެކްޓަރީތަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު، މިސައިލާއި، ރޮކެޓް ލޯންޗަރާއި، ރޮކެޓް އަދި ބޮޑުބަޑީގެ އުންޑަ އުފެއްދުން އަވަސްކޮށް ގިނަ ކުރަން އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން އަމުރު ކުރައްވައިފިއެވެ.
ނޯތު ކޮރެއާއިން އަސްކަރީ ގާބިލުކަން ވަރުގަދަ ކޮށް ފުޅާ ކުރަމުން ދަނީ، ދުޝްމަނުންނާ ކުރިމަތިލާން ކަމަށާއި އަތުވެދާނެ ހަމަލާއަކުން ދިފާއުވުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތަކީ، އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ޑްރިލް ބޭއްވުމަށް ތައްޔާރު ވަމުން ދާ ވަގުތެއް ކަމުން އުތުރު ކޮރެއާއިން ބުނެފައި ވަނީ އެއީ އެގައުމު ހިފުމަށް އެ ދެގައުމުން ކުރިއަށް ގެންދާ ފަރިތަ ކުރުން ތަކެއް ކަމަށް ދެކޭ ކަމަށެވެ.
އަނެއްކޮޅުން އެމެރިކާއިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ހަތިޔާރު އުފެއްދުން އިތުރު ކޮށްފައި ވަނީ، އެގައުމުގެ ހަތިޔާރު ރަޝިއާ އަށް ވިއްކުމަށް ކަމަށެވެ.
ކޮރެއާގެ ސެންޓަރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނީ، ހަތިޔާރު އުފެއްދުން އިތުރުކޮށް އަވަސް ކުރަން ކިމް އޯޑަރު ކުރެއްވީ، މިދިޔަ ހުކުރު ދުވަހު ފެކްޓަރީ ތަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު އަމިއްލަފުޅަން ކަންކަން ބެއްލެވުމަށް ފަހުގައި ކަމަށެވެ.
ކިމް ވިދާޅުވީ، ހަނގުރާމައަކަށް ތައްޔާރުވެފައި ވާ މިންވަރު ކަނޑައެޅިގެންދާ އެއްގޮތަކީ، ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހުރި މިންވަރާއި އެގައުމުގެ އާމީ، ތައްޔާރު ކުރެވޭ މިންވަރު ކަމަށެވެ. އެހެން ކަމުން މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭކަމަށް އޭނާ ވިދާޅުވެއެވެ.
މިސައިލް ލޯންޗާ އުފައްދާ ފެކްޓަރީތަކަށް ވަޑައިގެން ކިމް ވިދާޅުވީ، ގިނަ އަދަދެއްގެ މިސައިލް އެއްފަހަރާ ފޮނުވާލެވޭ ޒަމާނީ ލޯންޗަރު އުފެއްދުން އިތުރު ކުރަން ޖެހޭ ކަމަށާއި އެކަމުގެ ބޭނުންތެރިކަން މިވަގުތަށް ވަރަށް މުހިންމު ކަމަށެވެ.
އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް އުތުރު ކޮރެއާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުސްވި 2022 ވަނަ އަހަރު އެކަނިވެސް ޖުމްލަ 100 މިސައިލް ޓެސްޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރު ރާސްތާ މިސައިލާއި ދުރު ރާސްތާ މިސައިލުގެ އިތުރުން ބެލެސްޓިކް އަދި އިންޓާ ކޮންޓިނެންޓަލް މިސައިލް ހިމެނެއެވެ.