2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރީގައި އޮއްވާ، އާންމުކޮށް އިއުލާނު ކުރުމެއް ނެތި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްޑީސީން 100 އަށް ވުރެ ގިނަ މީހުންނަށް ކުއްލިއަކަށް ވަޒީފާ ދީފައިވާ ކަމަށް، އެޗްޑީސީ އާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ހާއްސަ ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ބުނީ އެޗްޑީސީ އަށް އިތުރު މުވައްޒަފުން ހޯދުމަށް 2018 އޮގަސްޓް 12 ގައި ބޭއްވި ބޯޑު ބައްދަލުވުމަށް ހުށަހަޅައި ފާސްކޮށްފައިވީ ނަމަވެސް، އިތުރު މުވައްޒަފުން ހޯދުމަށް ހުށަހަޅާފައި ވަނީ އެޗްޑީސީގެ އެއްވެސް ސެކްޝަނަކުން ބޭނުންވެގެން ކުރިން އެދިގެންކަން ލިޔެކިއުންތަކުން އެނގެން ނެތް ކަމަށެވެ.

އެޗްޑީސީ އާ ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓުގައި ފާހަގަކުރި އިތުރު ކަންކަމަށް ބަލާލާއިރު:

  • މުވައްޒަފުން ނަގާފައިވަނީ ބައެއް ސެކްޝަންތަކުން މުވައްޒަފުން މަދުވުމުން މަސައްކަތްތަކަށް ބުރޫއަރާތީ ކަމަށް އެޗްޑީސީން އޮޑިޓް އޮފީހަށް އޭރު ދިން މައުލޫމާތުގައި ބުނެފައިވޭ
  • ނަމަވެސް އެ ކޯޕަރޭޝަނުން ދިން ތާރީހަށް ބަލާއިރު، އެ ލިޔުން ތައްޔާރުކޮށްފައި ވަނީ ބޯޑު ބައްދަލުވުން ބޭއްވި ތާރީހަށް ވުރެ ފަހުގެ ތާރީހެއްގައި
  • އެހެންކަމުން 2018 ސެޕްޓެމްބަރު 9 އިން ފެށިގެން 12 ދުވަހުގެ ތެރޭގައި 131 މުވައްޒަފަކަށް ވަޒީފާ ދިނުމަށް ނިންމާފައި ވަނީ ކުންފުންޏަށް މުވައްޒަފުން ބޭނުންވެގެން ކަން ޔަގީން ނުކުރެވޭ

އޭގެ އިތުރުން، މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ކުރިން ބެކްގްރައުންޑް އަދި ރެފަރެންސް ޗެކް ހަދަން ޖެހޭ ކަމަށް އެޗްޑީސީގެ މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެގޮތަށް އަމަލުކޮށްފައި ނުވާ ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެ ރިޕޯޓުގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 131 މުވައްޒަފުންގެ ތެރެއިން:

  • 81 މުވައްޒަފަކު ފޯމާއި ވަނަވަރު ހުށަނާޅާ
  • އެއްވެސް މުވައްޒަފަކު ޕޮލިސް ރިޕޯޓް ހުށަނާޅާ
  • 116 މުވައްޒަފަކު ތައުލީމީ ސެޓްފިކެޓުތައް ހުށަނާޅާ
  • އެ މުވައްޒަފުން ވަޒީފާ އަށް ހޮވުމަށް ފަހު ވެސް ލިޔެކިއުންތައް ހޯދައި ފައިލްކޮށްފައި ނުވޭ

އެހެންކަމުން ވަޒީފާ އަށް މީހުން ހޮވުމުގައި ހާމަކަން ގެއްލި، ވަޒީފާ އަށް އެދެން ބޭނުންވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބި، އެންމެ ގާބިލް ފަރާތެއް ހޮވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެޗްޑީސީ އަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ބަލައި އެ އަދަދުތަކަށް ބިނާކޮށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށް ނުގެންދާ ނަމަ، ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ހޯދައި އިނާޔަތްތަކާއި މުސާރަ ދިނުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމުގެ ފުރުސަތެއް އެބައޮތް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެހެންކަމުން، އެޗްޑީސީ އަށް އޮޑިޓް އޮފީހުން ދިން ބައެއް ލަފާތަކަކީ:

  • ކުންފުނީގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ އަދަދު ކަނޑައެޅުމަށް
  • ކޮންމެހެން ބޭނުންވާ އަދަދަށް މުވައްޒަފުން ހޯދުމަށް
  • އާންމުންނަށް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް
  • ހަރުދަނާ ގޮތެއްގައި ވަޒީފާ އަށް އެދޭ ފަރާތްތަކުގެ ލިޔެކިއުންތައް ބެލެހެއްޓުން

އޭގެ އިތުރުން އެޗްޑީސީގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަށް އެދުނު އިރު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިއުން ހަމަކޮށް ޕާސަނަލް ފައިލްތައް ގަވައިދުން ބެލެހެއްޓުމަށް އަންގާ ކަމަށް އެ ރިޕޯޓުގައި އެޗްޑީސީ އަށް ދިން ލަފާގައިވެއެވެ.