އަންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާޖާއިޒް ފައިދާ ވާނެ ގޮތަށް އެމްޑީޕީއަށް މެންބަރު އިތުރު ކުރި މައްސަލައެއް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކެންޕެއިން ޓީމުން ފާހަގަ ކޮށްފިއެވެ.

މިނިވަން އިންސާފުވެރި ޕްރައިމަރީ އަކަށް ގޮވާލައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ ޓީމަށް ފާހަގަ ކުރެވިފައިވާ މައްސަލަތައް ފާހަގަ ކޮށްފައެވެ. އެ ގޮތުން ރައީސް ސޯލިހަށް ނާޖާއިޒް ފައިދާ ވާގޮތަށް 457 މީހަކު އެމްޑީޕީގެ ދަފްތަރަށް އިތުރު ކުރި މައްސަލައެެއް ވަނީ ފާހަގަ ކޮށްފައެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ، ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމަށް އެމްޑީޕީން ކަނޑައަޅާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށެވެ. އެ ގޮތުން ރިޔާސީ އިންތިހާބުގެ ޕްރައިމަރީ އަށް ވާދަ ކުރުމަށް ހުޅުވާލި ތާރީހު ކަމަށްވާ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް ވޯޓުގައި ބައިވެރިވެވޭ ގޮތަށް އޮތް ނަމަވެސް އެ ތާރީހުގެ ފަހުން ވަނީ 457 މެންބަރުން ދަފްތަރުގައި ޖައްސާފައި ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެއެވެ.

ހަމައެއާއެކު ރިޔާސީ ޕްރައިމަރީ އިއުލާން ކުރި ތާރީހާކީ ޑިސެމްބަރު 18 އަށް ވީ އިރު އޭގެ މާ ކުރިން ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ތާއީދު ފޯމް ފުރަމުން ގެނގޮސްފައި ވާ ކަމަށް ވެސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެއެވެ. އެ ގޮތުން ރައީސް ސޯލިހްގެ ކެމްޕައިން ޓީމުން ތާއީދު ފޯމް ފުރަމުން ދިޔަ ކަން ޑިސެމްބަރު 5 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ފޮޓޯއާއެކު އާންމުކޮށްފައި ވާ ކަމަށާއި އެކަން އެހާ ހާމަކަން ބޮޑުކޮށް ކުރުމުން ވެސް އެކަން ހިންގި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެއެވެ. އަދި އެކަމުން އެނގެނީ ޕްރައިމަރީގެ މަސައްކަތުގައި އިންސާފް ގެއްލިފައިވާ މިންވަރު ކަމަށް އެ ޓީމުން ބުނެއެވެ.

މީގެ އިތުރުން އެ ޓީމުން ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އިނގިލީގެ ނިޝާން ޖެހި ފޯމް ނެތިގެން ކަމަށް ބުނެ އެ ޕާޓީން 39،398 މެންބަރުން ވަކި ކޮށްފައިވާ މައްސަލަ ވެސް ހިމެނެއެވެ. ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ، މިއީ ރައީސް ނަޝީދަށް ވޯޓު ދިނުން އެންމެ ގާތް މެންބަރުންގެ ވޯޓު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެއް ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ކެމްޕެއިން ޓީމުން ބުނެއެވެ.