ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމަށާއި އެ ފުރުސަތު އޮންނާނެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީއިން އިންތިޒާމު ކޮށްގެން ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ޝޯއެއް ބާއްވާފައި ވާއިރު އެ ޝޯގައި 2017 ވަނަ އަހަރު ނެރުނު ޝާހްރުކް ހާންގެ ފިލްމް "ރައީސް" ގެ "ލައިލާ މެ ލައިލާ" އިން މަގްބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭގެ ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔައެވެ.

މިއަދު މަހުލޫފް ވިދާޅުވީ ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމީ ހަގީގަތެއް ކަމަށާއި އެ ފުރުސަތު އެ ރައްޔިތުންނަށް އޮންނަން ވާނެ ކަމަށެވެ.

ރޭ ޝޯގެ ފޮޓޯތަކެއް ހިއްސާ ކުރައްވައި މަހްލޫފް އިތުރަށް ވިދާޅުވީ ‏ރޭގެ ޝޯ ބަލާލަން 20،000 އާ ގާތްކުރާ އަދަދަކަށް މީހުން އެއްވި ކަަމަށާއި ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި ކަމަށެވެ.

މި ޝޯގައި ޕަވްނީގެ އިތުރުން ވެސް ރާއްޖޭގެ ބޮޑުބެރު ގްރޫޕްތަކާއި މިއުޒިކް ބޭންޑްތައް ވެސް ފެނިގެން ދިޔައެވެ.