އަންހެނުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ތޯލިބާން ސަރުކާރުން ނިގުޅައިގަތުމުން، ޤުރުއާނުގެ އެންމެ ލަފްޒަކާ އެކު ކާބުލް ޔުނިވާސިޓީގެ ކުރިމަތީގައި އަންހެނަކު އިހުތިޖާޖު ކޮށްފިއެވެ.

އެ އަންހެން މީހާ އިހުތިޖާޖު ކުރުމަށް އުފުލައިގެން ހުރި ބޯޑުގައި ލިޔެފައި އޮތީ، ٱقْرَأْ މި ކަލިމައެވެ. " ٱقْرَأْ" ލަފްޒުގެ މާނަ އަކީ "ކިޔަވާށެވެ."

މި ލަފްޒަކީ، މާތް ﷲ، ރަސޫލާ މުޙައްމަދު صلى الله عليه وآله وسلم އަށް ކީރިތި ޤުރުއާން ބާވާލެއްވި އިރު ވަހީގެ މަލާއިކަތާ މެދުވެރި ކުރައްވާ އެންމެ ފުރަތަމަ ދަސްކޮށްދެއްވި ލަފްޒެވެ.

އިހުތިޖާޖު ކުރި ޒުވާން އަންހެން މީހާއާ ހަވާލާދީ މީޑިއާތަކުން ބުނީ، އެ ކަލިމަ އުފުލަމުން އޭނާ ބުނެފައި ވަނީ، "އަހަރެމެން ބިރުގަންނަން ޖެހޭ ފަރާތަކީ ﷲ ކަމަށާއި ތޯލިބާނުން ދެކެ ބިރުގަންނަން ނުޖެހޭ ކަމަށް" އެވެ.

"އަހަންނަށް އެނގޭ، އިހުތިޖާޖުކޮށް މުޒާހަރާ ކުރާ މީހުންނާ މެދު ތޯލިބާނުން ކަންކުރަނީ ވަރަށް އަނިޔާވެރި ކޮށް، ބަޑިވެސް ޖަހާ، ޓޭޒާވެސް ޖައްސާ އަދި ފެންވެސް ޖަހާ، އެހެންވިޔަސް އަހަރެން މިހުރީ ކުރިމަތިލައިގެން"
އިހުތިޖާޖު ކުރި އަންހެން މީހާ

އޭނާ އިތުރަށް ބުނީ، އެކަނިމާ އެކަނި އޭނާ އެތާ ހުރުމުން ފުތަމަ އަޅާ ނުލި ކަމަށާއި ނަމަވެސް ބަޑިހިފައިގެން ހުރި މީހަކު ފަހުން އައިސް އެތަނުން އޭނާ ދާން ބުނި ކަމަށެވެ. ނަމަވެސް އޭނާ އަތަނުން ނުގޮސް، އެ ބޯޑުގައި އޮތް އެއްޗެއް ކިޔުމަށް އެމީހާ ގާތުގައި ބުނެ ކުރިމަތި ލި ކަމަށާއި އެއާއެކު އެމީހާ ގަދަކަމުން އެ ބޯޑު އަތުލައި އޭނާ އެތަނުން ދިޔުމަށް އިންޒާރު ކުރި ކަމަށެވެ.

އަފްގާނިސްތާނުގެ ވެރިކަން ތޯލިބާން ހޯދީ 2021 ވަނަ އަހަރުއެވެ. ވެރިކަމަށް އައި އިރު ތޯލިބާނުން ބުނެފައި އޮތީ، އޭގެ ކުރިން އެމީހުން ގެންގުނު ހަރުކަށިކަން މިފަހަރު ނުގެންގުޅޭނެ ކަމަށެވެ. ނަމަވެސް ވެރިކަމުގައި މިވީ ކުރު މުއްދަތުގައި، އެންމެ ފުރަތަމަ މަނާ ކުރީ މެދުމަދަރުސީ ތައުލީމު އުނގެނޭ އަންހެން ދަރިވަރުން ސްކޫލުތަކަށް ދިޔުމެވެ. އޭގެ ދުވަސްތަކެއް ފަހުން މަނާ ކުރީ ޔުނިވާސިޓީތަކަށް އަންހެނުން ކިޔަވަން ދިޔުމެވެ. ދާދިފަހުން މަނާ ކުރީ، އެންޖީއޯތަކުގައި އަންހެނުން މަސައްކަތް ކުރުމެވެ. މިއާއެކު ވެރިރަށް ކާބުލްގައި އަންހެންވެރިން ގިނަ އަދަދެއްގެ އިހުތިޖާޖުތައް ބާއްވާ ޝުއޫރު ފާޅުކުރި ނަމަވެސް ތޯލިބާން ސަރުކާރުގެ ނިންމުނަށް ބަދަލެއް ގެންނާނެ ކަމުގެ އިޝާރާތެއްވެސް ދީފައި ނުވެއެވެ.

ތޯލިބާނުން، އަންހެނުންގެ ތައުލީމަށް ހުރަސް އަޅާ ހުއްޓުވާ މައްސަލައިގައި އދ އާއި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެކަން ކުށްވެރި ކުރުން ފިޔަވައި ތޯލިބާނާ ދެކޮޅަށް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ތޯލިބާނުން އަންހެނުންގެ ތައުލީމަށް ހުރަސްއެޅި ނަމަވެސް، އަފްގާނިސްތާނުގެ އެކި ހިސާބުތަކުގައި ހުންނަ ބައެއް އަމިއްލަ މަދަރުސާތަކުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް އަންހެން ދަރިވަރުން ތައުލީމު ހާސިލު ކުރެއެވެ.