ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ އާ ހަވާލުކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ "ކޯ ލިވިން ހައުސިން" ޕްރޮޖެކްޓްގެ ބިންގާ އަޅައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއާ" ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާ ކުރާ ގޮތަށް ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓާ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ ބޮޑު ކުލީގައި އެކަނި ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތް ފޯރާ ފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި ކޯ-ލިވިން ކޮންސެޕްޓަށް އެ ކުންފުނިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓް ނިމޭއިރު ތަފާތު ހިދުމަތްތަކެއް އެތަނުން ލިބޭނެ އެވެ. އޭގެ ތެރޭގައި އައުޓްޑޯ ޖިމާއި ޕޭންޓްރީ އާއި ކޮންމެ ފަންގިފިލާއެއްގައި އެންމެނަށް ބޭނުން ކުރެވޭ ބަދިގެއެއް ހިމެނޭ އިރު، 2 ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިން ރޫމް އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލޯންޑްރީ އާއި ފިހާރަތައް ވެސް އެ ބިލްޑިންގައި ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެއެވެެ. އެކުންފުނިން ކުރިއަށް ގެންދިޔަ ދިރާސާ އިން ދައްކާ ގޮތުގައި ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުން، އާންމު ގޮތެއްގައި މަހު ކުލީގެ ގޮތުގައި 5000 ރުފިޔާ ދައްކައެވެ. އަދި އެމީހުންގެ ތެރެއިން 56 ޕަސެންޓް މީހުންނަކީ އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައި އެޗްޑީސީން ބުނެއެވެ.
ކޯ-ލިވިން ކޮންސެޕްޓަށް އެ ކުންފުނިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި މިހާރުވެސް އާބާދުވެ ތަރައްގީ ވަމުން އަންނަ ސަރަހައްދެއްގައި ހުންނަ ލޮޓް N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި އަޅާ 14 ބުރީ އިމާރާތެކެވެ.
ކޮންސެޕްޓް އިޒް އޮންލީ ގުޑް ފޯރ ސްޓޫޑެންޓްސް ޢިޓް ސައުންޑްސް މޯ ލައިކް މައިގްރޭންސް ސޮސައިޓީ ޢެކަނި އުޅޭ ފަރާތްވެސް އަމިއްލަ ކިޗަން ބޭނުންވާނެ، އެނަމެން ދޮނޑު ކުރާ ކިޗަން ބޭނުމެއްނުވާނެ