ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި އަލީ ހާލިދު އެ މަގާމަށް އަލުން އައްޔަނުކުރަން ނިންމައި، އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ކަމަށް އައްޔަން ކޮށްފިއެވެ.

ޕީއެސްއެމްގެ ގަވައިދުގައިވާ ގޮތުން، ފަސް މެންބަރުން ތިބޭ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެންބަރުންގެ ދައުރަކީ ހަތަރު އަހަރެވެ. އެހެންވެ އަލީ ޚާލިދުގެ ދައުރު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައެވެ. ޝަމީމްގެ ދައުރު ހަމަވީ އޭގެ ދެ ދުވަސް ފަހުންނެވެ.

އޭނާގެ ދައުރު އިތުރުކުރަން އަދި ނިންމާފައި ނުވި ނަމަވެސް، ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު މީޑިއާތަކަށް ވިދާޅުވި ގޮތުގައި، ޕީއެސްއެމްގެ އެމްޑީ ކަމަށް އަލީ ޚާލިދު އަލުން އައްޔަނުކުރަން ވަނީ ނިންމައިފައެވެ.

އަދި ޝަމީމް ހަމަޖައްސަވާފައި ވަނީ ރައީސް އޮފީހުގެ އަންޑަސެކްރެޓަރީއަކަށް ކަމަށް ވިދާޅުވިއެވެ.

މެނޭޖިން ޑިރެކްޓަރު ކަމުން އަލީ ހާލިދު ވަކިވުމުން، ވަގުތީ ގޮތުން އެމްޑީ ކަމުގެ މަގާމު ފުރުއްވަމުން ގެންދެވީ ޕީއެސްއެމްގެ ޑައިރެކްޓަރ ޕްރޮކިއުމަންޓް މުހައްމަދު ސައީދެވެ.