ހިޔާ ސަރަހައްދުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހި ހިޔާ ސަރަހައްދަކީ މިވަގުތު އެންމެ ބޮޑު އެއް އަބާދީ އެއް އެއްފަހަރާ އާބާދުވެ ދިރިއުޅެން ފަށާފައިވާ ސަރަހައްދަށް ވާއިރު އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާ އެކު އެޗްޑީސީން ދަނީ އެ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ލުއި ފަސޭހައަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.

އެޗްޑީސީއިން ބުނީ ހިޔާ ޕްރޮޖެކްޓް ފަރުމާ ކޮށްފައިވާ ގޮތުން ކޮމޭޝަލް ބޭނުން ހިފޭނެ ގިނަ ތަންތަން ނެތުމުން، ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯ ވިޔަފާރި އެކި ބޭނުންތަކަށް ބަދަލު ކުރެވި މިހާރު ދަނީ ގިނަ ޔުނިޓްތަކުން ހިދުމަތް ދެމުން ކަމަށެވެ.

ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތްތައް ދެނެގަނެ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަަކަށް ފަސޭހަ ވާނެ ގޮތަށް ރޭމްޕްތައް އެކި ސަރަހައްދުތަކުގައި އަދި ވަކިން ހާއްސަކޮށް ހިޔާ ސަރަހައްދުގެ ބީޗުގައި ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ ޓަވަރުތަކުގެ މެދުގައި އޮންނަ ހުސް ޖާގަތައް ޕޮކެޓް ޕާކްތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއެކު ކުރިއަށްދާ ކަމަށާއި ހެދިކާ ފަދަ ތަކެތި ފަސޭހައިން ލިބޭނެގޮތް ހެދުމަށް ގާއިމް ކުރާ ކިއޮސްކްތައް ބެހެއްޓުމުގެ މަސައްކަތް ފަށާ އެ ކިއޮސްކްތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ މިހާރު ގުރު ނެގުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

ހިޔާ ސަރަހައްދުގައި ލިބޭ ހިދުމަތްތައް ދުވަހުން ދުވަހަކަށް އިތުރުވަމުން ދާއިރު އެ ސަރަހައްދުގައި އާއްމުންނަށް މައުލޫމާތު ދިނުމަށް އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުން ވެސް ޑިޖިޓަލް ބޯޑްތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މަސައްކަތް ކުރަމުން ދަަނީ ސަރުކާރުގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންނާ ވީހާވެސް ގާތުން ހުޅުމާލޭ ފޭސް 2 ވަކިން ހާއްސަކޮށް ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ހިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށް ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.