ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ވީލްޗެއާ ތަކާއެކު 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށް ވުރެ ގިނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ކަމެއް ކަމަށާއި މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަނީ ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ.

ބީއެމްއެލްއިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުންނެވެ. އެގޮތުން ދާދި ފަހުން ބޭންކުންވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައިވާއިރު މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. އަދި މިއަހަރު ކުރީކޮޅު ބޭންކުންވަނީ އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.