ގަވައިދާ ހިލާފަށް ހުޅުމާލޭގައި ޕާކްކޮށްފައިވާ އުޅަނދުފަހަރު ނަގާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް އުޅަނދުފަހަރު ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ އާންމުންނަށާއި ޒިޔާރަތްކުރާ އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ގަވައިދާ ހިލާފަށް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރުގެ ސާވޭ ރިޕޯޓެއް ވަނީ އެކުލަވާލެވިފައެވެ.

އެ ރިޕޯޓުގައިވާ ކަންކަމަށް ބެލުމަށްފަހު، ހުޅުމާލޭގެ ޕާކިން ޒޯންތަކާއި ހުސްބިންތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުފަހަރާއި ސުންބޯޑުގައި ހުރި އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ނަމަވެސް އެ ކޯޕަރޭޝަނުން އެކުލަވާލިކަމަށް ބުނާ ސާވޭ ރިޕޯޓްގެ ތަފްސީލު އާންމުކޮށްފައެއް ނުވެއެވެ.