އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްޔެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުންނެވެ.

މުއިއްޒު ވިދާޅުވީ އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށާއި އަނެއް ބަޔަކު ވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

މީގެ ކުރިން މުއިއްޒު ވަނީ ގެއްލުނު ފައިސާ ހޯދުމުގެ މައްސަލަ އެއްވެސް ކޯޓަކަށް ހުށަހަޅާފައި ވޭތޯ އައްސަވާފައެވެ. އަދި އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންނާ އެކީ ސަރުކާރުން އެއްބަސްވުންތައް ހަދާފައި ވަނީ ދައުލަތައް ލިބެން ޖެހޭ ފައިސާ ލިބޭ ގޮތަކަށް ނޫން ކަމަށް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ އެއްބަސްވުންތަކުން ދައުލަތުގެ މަސްލަހަތު ރައްކާތެރި ކުރެވިފައި ވެސް ނުވާ ކަމަށެވެ.

އެހެންކަމުން މުއިއްޒު އެ އިޝާރާތް ކުރައްވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގައި އެންމެ އިސް ދައުރެއް އަދާކުރި، އެމައްސަލަ ފަޅާއެރިއިރު ނައިބު ރައީސް ކަމުގައި ހުރި އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރި އަބްދުﷲ ޒިޔަތަށް ކަމަށް ލަފާކުރެވެއެވެ.