ދަރިވަރުން 2045 އަށް ކުރާ އުއްމީދުތަކާއި ދަރިވަރުންގެ މެދުގައި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވަރު ދައްކުވައިދޭ ފޮތް 'ދަ އިޔާ 2045' މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.

އެ ފޮތުގެ ހުރިހާ މަސައްކަތަކީ ވެސް އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގަވާ ދަ ސާކަލްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތަށްވާއިރު އެ ފޮތް އިފްތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.

އެޗްޑީސީއިން ބުނީ އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން އެ ކުންފުނީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދަސާކަލް އަކީ ކުޑަކުދިން އަދި ބޮޑެތިމީހުންގެ ވިސްނުން ތަރައްގީކޮށް, އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ އެކަޑަމީއެއް ކަމަށެވެ.

އުނގެނުމަށް ޝައުގުވެރިވާ, އިލްމީ, މަސައްކަތްތެރި, އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާއިރު ދަސާކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑާސް އޮފް ޓުމޯރޯ, ކޯޑިން އެންޑް ކްރިޓިކަލް ތިންކިން, އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ.

އެޗްޑީސީއިން ބުނީ އެ ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އާ މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުން ކަމަށެވެ.