ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފއިވާ ހިޔާ ޓަވަރު 7 ގައި ޕްރިންޓް ކުރުމާއި ފޮޓޯ ނެގުމުގެ ހިދުމަތް ދޭން ހާއްސަ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

މިއީ އެ ސަރަހއްދުގައި މިފަދަ ހިދުމަތްދޭ ގޮތަށް ހުޅުވި ފުރަތަމަ ތަނެވެ. "ކްރާފްޓް ކްލައުޑް" ގެ ނަމުގައި ހިންގާ އެ ސްޓޫޑިއޯ ހުންނަނީ ހިޔާގެ 7 ވަނަ ޓަވަރުގެ އެންމެ ތިރީ ބައިގައި ހުންނަ ކޮމާޝަލް އޭރިއާ ގައެވެ.

އެތަނުން ދޭ ހިދުމަތުގެ ތެރޭގައި ހުރިހާ ފެންވަރެއްގެ ޕްރިންޓިން ހިދުމަތް ދިނުމާއި ޕާސްޕޯޓު ފޮޓޯ ނަގައިދިނުމާއި ޕާސްޕޯޓަށާއި އައިޑީ ކާޑު ހަދަން ހުށަހަޅައި ދިނުމާއި ޑިޒައިންކޮށް ދިނުމާއި ފޮޓޯކޮޕީ ނަގައިދިނުން ހިމެނެއެވެ. މީގެ އިތުރުން ކަރުދާސް ކޮތަޅު އުފައްދުގެ ހިދުމަތްވެސް އެތަނުން ދޭން ވަނީ ނިންމާފައެވެ.

އެ ސްޓޫޑިއޯ ހުޅުވުމުން ދުރަށް ނުގޮސް ހިޔާ ޓަވަރު ސަރަހައްދަުގައި ދިރިއުޅޭ ގިނަ ބަޔަކަށް ފަސޭހަ ވެގެން ދާނެ ކަމަށް ސްޓޫޑިއޯ ހިންގާ ފަރާތުން ބުނެއެވެ.

ކްރާފްޓް ކްލައުޑް ސްޓޫޑިއޯ އަކީ ސްޓާޓަޕެކެވެ. މި ވިޔަފާރި އުފަންވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތަކަށް އެޗްޑީސީން މިދިޔަ އަހަރު ހުޅުވާލި މުބާރާތެއްގައި އެ ދާއިރާއިން ހުށަހެޅި ޕްރޮޕޯސަލްތަކުގައި ދެވަނަ ހޯދައިގެން ދިން ފުރުސަތެއް ގައެވެ.

އެ މުބާރާތުގައި ޖުމްލަ ފަސް ކެޓެގަރީއަކަށް 36 ފަރާތަކުން ހުށަހެޅުންތައް ހުށަހެޅިއެވެ. އޭގެތެރެއިން ކޮންމެ ކެޓެގަރީއަކުން ވެސް އެއްވަނަ އަދި ދެވަނަ ހުށަހެޅުން ހޮވާ، އެއްވަނައަށް ހޮވުނު ހުށަހެޅުންތަކަށް 1 އަހަރުގެ ކުލި ހިލޭ ވާއިރު، ދެވަނަ އަށް ދިޔަ ހުށަހެޅުންތަކަށް 6 މަހުގެ ކުލި މުޅިން ހިލޭ ވެއެވެ.