ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ކްރިޕްޓޯ އެކްސްޗޭންޖް، އެފްޓީއެކްސް ގެ ފައުންޑަރު އަދި ބިލިއަނަރު ސޭމް ބޭންކްމޭން ފްރައިޑް، 30އ ބެއިލްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދައްކަން އެއްބަސްވުމުން ގެއަށް ބަދަލުކޮށްފިއެވެ.

އޭނާ ގެއަށް ބަދަލު ކުރުމުގެ އެއްބަސްވުމުގައި އޭނާގެ މައިންބަފައިން ޖާމިނު ކުރުވާފައި ވާ އިރު އޭނާގެ މައްސަލަ ބަލާ ފަނޑިޔާރު ބުނީ، އެމެރިކާގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް އޭނާ ހިންގާފައި ވީ ނަމަވެސް، ޝަރީއަތަށް އެއްބާރުލުން ދިނުމާއި، އޭނާ ފިލަން ނޫޅެ އަމިއްލަ ރުހުމުގައި އެމެރިކާއަށް އައިސް ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަން އެއްބަސް ވާތީ އާއިލާއާ ހަވާލު ކުރަން ނިންމީ ކަމަށެވެ.

30 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަމުން ދިޔަ ކުންފުނި ކުއްލިއަކަށް ބޭންކްރަޕްޓް ވުމުގެ ފަހަތުގައި އެ ކުންފުނީގެ ބާނީގެ ގާތް ބައެއް މެންބަރުންވެސް ބައިވެރިވާކަން މިހާރު ހާމަވެފައި ވާ އިރު، އޭނާ ވަނީ މާލީ އުސޫލުތަކާ ހިލާފަށް އެކުންފުނީގެ ފައިސާ ބޭނުން ކޮށްގެން އެހެން ކްރިޕްޓޯ ކުންފުންޏެއް ކަމަށް ވާ އަލަމޭޑާ ރިސާޗަށް އިންވެސްޓް ކޮށް އެކުންފުނީގެ ދަށުން ބިންތަކާ އެއްޗެހި ގަނެ ސިޔާސީ އެކިއެކި މަންފާތައް ހޯދުމަށް ބިލިއަނުން ހަރަދު ކޮށްފައެވެ.

އޭނާގެ މައްޗަށް ޖިނާއީ 8 ދައުވާ އެއް އުފުލާފައި ވާ އިރު، އޭގެ ތެރޭގައި މަނީ ލޯންޑާ ކުރުމާއި މަކަރު ހެދުމާއި، ކެމްޕެއިން ތަކަށް ފައިސާ ހަރަދު ކުރުން ހިމެނެއެވެ. ޖިނާއީ ދައުވާތަކުގެ އިތުރުން އޭނާގެ މައްޗަށް މަދަނީ ދައުވާތަކެއްވެސް ވަނީ އުފުލާފައެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރުންގެ ގޮތުގައި ތިބި 2 މީހުންގެ ދަރި، އެފްޓީއެކްސްގެ ބާނީ، އެ ކުންފުނި އުފެއްދީ 2019 ވަނަ އަހަރުއެވެ.

ދުވާލެއްގެ މައްޗަށް 10 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ކޮއިން (ޑިޖިޓަލް ފައިސާ) ގެ މުއާމަލާތް ހިންގަމުން ދަނިކޮށް ކުންފުނި ބަނގުރޫޓު ވި އިރު އެތައް ހާސް ބަޔަކަށް ބިލިއަނުން ފައިސާ ދޭން އެބަހުއްޓެވެ.

އެފްޓީއެކްސް ބަނގުރޫޓު ވީ، މަކަރު ހަދާ އޮޅުވާލުމުގެ އަމަލުތަކެއްގެ ތެރެއިން ކަން ފަޅާއެރުމުން ފްރައިޑް ބުނެފައި ވަނީ އެ ކުންފުނީގައި އެފަދަ އަމަލުތަކެއް ހިނގާފައި ވާ ކަމަށާއި ނަމަވެސް އޭނާ އެކަމުން ބަރީއަވާ ކަމަށެވެ.

ބޭންކްރަޕްޓް ވެއްޖެކަން އިއުލާންކޮށް މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ބޭންކްރަޕްސީ ކޯޓަށް އެފްޓީއެކްސް އިން މައްސަލަ ހުށަހެޅި އިރު، އެ ކުންފުނީގެ ތެރެއިން ހިންގި ހިޔާނާތެއްގައި 3 ދުވަސް ތެރޭ 6 ބިލިއަން ޑޮލަރު ވަނީ ކަސްޓަމަރުން ނުވަތަ ކްރެޑިޓަރުންނަށް ދޫކޮށްފައެވެ.

އެއާއެކު ކުންފުނި ސަލާމަތް ކުރުމަށް ވާދަވެރި ބިނާންސް ކުންފުންޏާ މަޝްވަރާ ކުރި ނަމަވެސް އެމީހުން އެފްޓީއެކްސް އަށް އެހީއެއް ނުވެއެވެ. ޖެހިގެން އައި ދުވަގު ފްރައިޑް އިސްތިއުފާ ދީ ފިލައިގެން ގޮސް ބަހާމާސްގައި ހުއްޓާ އޭނާ އަތުލީ މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

އެފްޓީއެކްސްގެ އެންމެ ބޮޑު 50 ކަސްޓަމަރުން ނުވަތަ ކްރެޑިޓާސްއަށް 3.1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައި ވާ އިރު އޭގެ ތެރެއިން އެންމެ ބޮޑު 10 ކްރެޑިޓަރުންނަށް 1.45 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަބަރުތައް ބުނާ ގޮތުން، އެފްޓީއެކްސްގެ ބެންކްރަޕްސީ އާ އެކު، މިލިއަނަކަށް ވުރެ ގިނަ ކްރެޑިޓާސް ނުވަތަ ކަސްޓަމަރުންނަށް ލާރި ދައްކަން ޖެހި، އެ ލާރި ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދެވެ.