ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު އަދި ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް. އެފްޓީއެކްސް ބަނގުރޫޓު ވުމާއެކު، އެތަނުގެ ބާނީ ފިލައިގެން އުޅެނިކޮށް ބަހާމާސް އިން ހައްޔަރު ކޮށްފިއެވެ.

ދުވާލެއްގެ މައްޗަށް 10 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ކޮއިން (ޑިޖިޓަލް ފައިސާ) ގެ މުއާމަލާތް ހިންގަމުން ދަނިކޮށް ކުންފުނި ބަނގުރޫޓު ވި އިރު އެތައް ހާސް ބަޔަކަށް ބިލިއަނުން ފައިސާ ދޭން އެބަހުއްޓެވެ.

އެމެރިކާގެ ސަރުކާރުން ނެރުނު ހައްޔަރު ކުރުމުގެ އަމުރަކާ އެކު ބަހާމާސް އިން ސޭމް ބޭންކްމޭން ފަރައިޑް ހައްޔަރު ކޮށް އެމެރިކާއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެފްޓީއެކްސް ބަނގުރޫޓު ވީ، މަކަރު ހަދާ އޮޅުވާލުމުގެ އަމަލުތަކެއްގެ ތެރެއިން ކަމަށް ކުރެވޭ ތުހުމަތަށް ފްރައިޑް ބުނެފައި ވަނީ އެ ކުންފުނީގައި އެފަދަ އަމަލިތަކެއް ހިނގާފައި ވާ ކަމަށާއި ނަމަވެސް އޭނާ އެކަމުން ބަރީއަވާ ކަމަށެވެ.

ބޭންކްރަޕްޓް ވެއްޖެކަން އިއުލާންކޮށް މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ބޭންކްރަޕްސީ ކޯޓަށް އެފްޓީއެކްސް އިން މައްސަލަ ހުށަހެޅި އިރު، އެ ކުންފުނީގެ ތެރެއިން ހިންގި ހިޔާނާތެއްގައި 3 ދުވަސް ތެރޭ 6 ބިލިއަން ޑޮލަރު ވަނީ ކަސްޓަމަރުން ނުވަތަ ކްރެޑިޓަރުންނަށް ދޫކޮށްފައެވެ.

އެއާއެކު ކުންފުނި ސަލާމަތް ކުރުމަށް ވާދަވެރި ބިނާންސް ކުންފުންޏާ މަޝްވަރާ ކުރި ނަމަވެސް އެމީހުން އެފްޓީއެކްސް އަށް އެހީއެއް ނުވިއެވެ. ޖެހިގެން އައި ދުވަގު ފްރައިޑް އިސްތިއުފާ ދީ ފިލީއެވެ.

އެފްޓީއެކްސްގެ އެންމެ ބޮޑު 50 ކަސްޓަމަރުން ނުވަތަ ކްރެޑިޓާސްއަށް 3.1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައި ވާ އިރު އޭގެ ތެރެއިން އެންމެ ބޮޑު 10 ކްރެޑިޓަރުންނަށް 1.45 ބިލިއަން ޑޮލަރު ވަނީ ދައްކަން ޖެހިފައެވެ.

ހަބަރުތައް ބުނާ ގޮތުން، އެފްޓީއެކްސްގެ ބެންކްރަޕްސީ އާ އެކު، މިލިއަނަކަށް ވުރެ ގިނަ ކްރެޑިޓާސް ނުވަތަ ކަސްޓަމަރުންނަށް ލާރި ދައްކަން ޖެހި، އެ ލާރި ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދެވެ.

އެފްޓީއެކްސްގެ ބެންކްރަޕްސީ އާ އެކު އެ ކުންފުނީގެ އެސެޓްތަކާ އެއްޗެހި ވިއްކަން ޖެހިފައިވާ މި ދަނޑިވަޅުގައި ބެންކްރަޕްސީ މައްސަލަ ނިމޭ އިރު، ކްރެޑިޓަރުންނަށް އަނބުރާ ފައިސާ ދެވިދާނެތޯވެސް ވަނީ ސުވާލު އުފެދިފައެވެ.

ކްރިޕްޓޯކަރަންސީ އާއި އެފްޓީއެކްސް އަދި ބިޓްކޮއިން އަކީ ގިނަ އަދަދެއްގެ ދިވެހިން ކުޅޭ އަދި އިންވެސްޓް ކުރާ ޓްރޭޑިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްތަކުގައި ހަރަކާތްތެރި ވަނީ ކިހާ އަދަދެއްގެ ދިވެހިން ކަމެއް ސާފު ނުވިޔަސް، ކްރިޕްޓޯ ބާޒާރުގައި ދިމާވާ ތަފާތު މައްސަލަތަކުގެ އަސަރު އެ މާކެޓްތަކުގައި އިންވެސްޓް ކޮށްގެން އުޅޭ ދިވެހިންނަށް ދިމާވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެފަދަ ޕްލެޓްފޯމްތަކުގައި އިންވެސްޓް ކުރުމަށް އެކި ފަރާތްތަކުން ދަރަންޏަށާއި ސޫތަށް ލާރި ނަގައިގެން އުޅޭ ދިވެހިންވެސް ގިނަ ކަމަށް ނުރަސްމީ މައުލޫމާތުތަކުން އެނގެއެވެ.