ދިވެހިންވެސް ގަވައިދުން ކުޅޭ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، އެފްޓީއެކްސް ބޭންކްރަޕްޓް ވެ، އިންވެސްޓަރުންނށް ބިލިއަނުން ބިލިއަނުން ދަރަނި ދައްކަން ޖެހިފައި ވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
އެފްޓީއެކްސްގެ އެންމެ ބޮޑު 50 ކަސްޓަމަރުން ނުވަތަ ކްރެޑިޓާސްއަށް 3.1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައި ވާ އިރު އޭގެ ތެރެއިން އެންމެ ބޮޑު 10 ކްރެޑިޓަރުންނަށް 1.45 ބިލިއަން ޑޮލަރު ވަނީ ދައްކަން ޖެހިފައެވެ.
ކްރިޕްޓޯކަރަންސީ ބާޒާރުގެ އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އެކްސްޗޭންޖް ބެންކްރަޕްޓެ ވެ، އެމެރިކާގެ ބެންކްރަޕްސީ ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
ހަބަރުތައް ބުނާ ގޮތުން، އެފްޓީއެކްސްގެ ބެންކްރަޕްސީ އާ އެކު، މިލިއަނަކަށް ވުރެ ގިނަ ކްރެޑިޓާސް ނުވަތަ ކަސްޓަމަރުންނަށް ވަނީ ލާރި ދައްކަން ޖެހި، އެ ލާރި ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިފައެވެ.
އެފްޓީއެކްސްގެ ބެންކްރަޕްސީ އާ އެކު އެ ކުންފުނީގެ އެސެޓްތަކާ އެއްޗެހި ވިއްކަން ޖެހިފައިވާ މި ދަނޑިވަޅުގައި ބެންކްރަޕްސީ މައްސަލަ ނިމޭ އިރު، ކްރެޑިޓަރުންނަށް އަނބުރާ ފައިސާ ދެވިދާނެތޯވެސް ވަނީ ސުވާލު އުފެދިފައެވެ.
ކްރިޕްޓޯކަރަންސީ އާއި އެފްޓީއެކްސް އަދި ބިޓްކޮއިން އަކީ ގިނަ އަދަދެއްގެ ދިވެހިން ކުޅޭ އަދި އިންވެސްޓް ކުރާ ޓްރޭޑިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވަނީ ކިހާ އަދަދެއްގެ ދިވެހިން ކަމެއް ސާފު ނުވިޔަސް، ކްރިޕްޓޯ ބާޒާރުގައި ދިމާވާ ތަފާތު މައްސަލަތަކުގެ އަސަރު އެ މާކެޓްތަކުގައި އިންވެސްޓް ކޮށްގެން އުޅޭ ދިވެހިންނަށް ދިމާވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެފަދަ ޕްލެޓްފޯމްތަކުގައި އިންވެސްޓް ކުރުމަށް އެކި ފަރާތްތަކުން ދަރަންޏަށާއި ސޫތަށް ލާރި ނަގައިގެން އުޅޭ ދިވެހިންވެސް ގިނަ ކަމަށް ނުރަސްމީ މައުލޫމާތުތަކުން އެނގެއެވެ.