ރަޝިއާ އަށް އަމާން ނުދެއްވާނެ ކަމަށާއި ރަޝިއާ ބަލިިކުރަން އެމެރިކާގެ އެހީ ބޭނުންވާ ކަމަށް، ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށިފަހުން ގައުމުން ބޭރަށް ކުރައްވާ ދަތުރުގައި މިހާރު އެމެރިކާއަށް ވަޑައިގެން ހުންނެވި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޔޫކްރައިންގެ ހާލަތު ބަޔާން ކޮށްދެއްވަމުން "އަދި ދިރި އެތިބި ކަމަށާއި ތޮޅޭ" ކަމަށް ވިދާޅުވެ ޒެލެންސްކީ މިސާލު ޖެއްސެވީ މައިމީހަގެ ބަނޑުގައި އޮންނަ ދަރިފުޅު ތޮޅޭ ވާހަކައިންނެވެ. އޭނާ އެހެން ވިދާޅުވީ، ރަޝިއާގެ ހަމަލާތަކުގައި ޔޫކްރައިން އަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަން ހާމަކޮށްދެއްވުމަށެވެ.
އެއާއެކު އޭނާ ވިދާޅުވީ، ރަޝިއާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ އަމާން ދިނުމެއް ނެތް ކަމަށާއި ރަޝިއާ ބަލިކުރަން ބޭނުން ވަނީ އެމެރިކާގެ އެހީ ކަމަށެވެ.
މިހާރުވެސް ޔޫކްރައިނަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެންމެ ބޮޑު އެހީއެއް ވެދޭ ގައުމަކީ އެމެރިކާ ކަމަށޤ ވާއިރު، ޒެެލެންސްކީގެ މިދަތުރާ ގުޅިގެން އެމެރިކާއިން ވަނީ 2 ބިލިއަން ޑޮލަރުގެ އެހީގެ ޕެކެޖަކާއި 45 ބިލިއަން ޑޮލަރުގެ އެހީގެ ޕެކެޖެއް ދެއްވާނެ ކަމަށް ވިދާޅުވެއެވެ. އެ ޕެކޭޖްގެ ތެރޭގައި މިވަގުތު އެމެރިކާގައި ހުރި އެންމެ އެޑްވާންސް ހަރިޔާރާއި، މިސައިލުން ދިފާއުވާ ނިޒާމުތަކާއި ހަނގުރާމަ މަތީ މަތިންދަބޯޓުތައް ހިމެނެއެވެ. މިއާ އެކު އިންސާނީ އެހީއާއި ބޭހާއި އެނޫންވެސް ދާއިރާތަކުން އެމެރިކާއިން ދޭން ބުނި އެހީގެ އަދަދު 50 ބިލިއަނަށް އެރީއެވެ. މިއީ އެހެން ހުރިހާ ގައުމަކުން ދޭން ބުނެފައި އެހީއަށް ވުރެ ބޮޑު އަދަދެކެވެ.
މިއާއެކު ބައިޑަން ވިދާޅުވީ، އެމެރިކާއަށް ދެމިއޮވެވޭހާ ދުވަހަކަށް ޔޫކްރައިން އާ އެކު ދެމިއޮންނާނެ ކަމަށެވެ. އަދި ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔެ ކާބޯތަކެއްޗަށް ޖެހޭތީ ބައެއް ބައިވެރިން ކަންބޮޑުވި ނަމަވެސް ޔޫކްރައިން މައްސަލައިގައި ހުރިހާ ބައިވެރިންެވެސް އެކުގައި ތިބުމުން އުފާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމެރިކާގެ އެހީއާ ގުޅޭ ގޮތުން ޒެލެންސްކީ ބޮޑު އުއްމީދެއްގައި ހުއްނެވި އިރު އަންނަ ޖެނުއަރީގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ކޮންޓްރޯލް ރިޕަބްލިކަންސް އަށް ލިބޭ އިރު، އެމީހުން ބުނެފައި ވަނީ ލޯމަރާލާފައި ޔޫކްރައިން އަށް "ބްލޭންކް ޗެކެއް" ލިޔެ ނުދޭނެ ކަމަށެވެ.
އެމެރިކާގެ ސިޔާސަތު އޮންނަ ގޮތުން އެހާ ބޮޑެތި އަދަދުތަކުން ބޭރުގެ ގައުމުތަކަށް އެހީ ވާނަމަ މަޖިލީހުން ފާސް ކުރަން ޖެހޭނެއެވެ. އެހެން ކަމުން، އެމެރިކާގެ ރައީސް ވައުދުވެވަޑައިގެންނެވި 45 ބިލިއަން ޑޮލަރުގެ އެހީގެ ޕެކެޛް ދެވޭނީ ހައުސް އިން ފާސްކުރުމުންނެވެ.