ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 500 އެއްހާ ވީލްޗެއާ ރޭމްޕް ހަރުކޮށްފައިވާ ކަމަށް، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގައި ގިނަ ބަޔަކު އާބާދުވެ، އެކި ބޭނުންތަކަށް އެތަނަށް އަންނަ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަކަށް ބަލައި ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ރޭމްޕް ހަރުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެ މަސައްކަތުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 491 ރޭމްޕް ހަރުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ރޭމްޕްތައް ހަރުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ މިހާރު ނިންމާލެވިފައެވެ. އެ މަސައްކަތުގެ ދަށުން ކޮންމެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަ ރޭމްޕެއް ހަރުކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭގެ އެހެނިހެން ސަރަހައްދުތަކުގައި، އަދި ހިޔާ ފްލެޓުގެ ބީޗުގައިވެސް ރޭމްޕް ހަރުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.