މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ހުޅުމާލެއިން ބިން ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ގަރާޖު ޔުނިޓް ހިންގުމަށް ބޭނުންވާ، މާލޭގައި މިވަގުތު ގަރާޖު ހިންގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ޖުމްލަ 25 ބިމެއް ތަަރައްގީ ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބިންތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދުވަހުގެ މެންދުރުފަހު 02:00 ކަމަށް އެޗްޑީސީން ބުނެއެވެ.

ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ މީހުން ބިންތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

އެޗްޑީސީން ބުނީ، ބިމަށް އެދި ހުށަހަޅަން ޖެހޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ބިމަށް އެދި ފޯމު ހުށަހެޅޭނެ ގޮތް ވެސް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް 2 ފަންގި ފިލާއަށް އިމާރާތް ކުރެވޭނެގޮތަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަން ކަމަށާއި އެ ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރާ ކަމަށް ބުނެފައެވެ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގުން މެދުވެރިވާ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެޗްޑީސީއާއި ސަރުކާރާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.

އެޗްޑީސީން ގަރާޖު ހިންގުމަށް ހުޅުމާއިން ބިން ދޫކުރަން ނިންމާފައިވާއިރު ދާދި ފަހުން މާލޭގެ ގަރާޖެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 10 މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި މ. ނިރުފެހިގެ ހިމެނޭހެން 6 ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް, އެންޑީއެމްއޭ އިން ބުނެއެވެ.