ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑްކަޕް މުބާރާތުގައި ދިން ހަތަރު ޝަރަފުގެ ތެރެއިން ތިން ޝަރަފެއް މުބާރާތް ކާމިޔާބުކުރި އާޖެންޓީނާގެ ކުޅުންތެރިންނަށް ލިބިއްޖެއެވެ.

މި ގޮތުން ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ލިބިފައިވަނީ އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒްއަށެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ލިބުނީ އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒްއަށެވެ. މާޓީނޭޒް ވަނީ މިރޭގެ މެޗުގައި ގިނަ ސޭވްތަކެއް ކޮށް، ޕެނަލްޓީ ޝޫޓް އައުޓްގައި ވެސް އެއް ޕެނަލްޓީ ހިފަހައްޓާފައެވެ.

މުބާރާތުގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ކެޕްޓަން ލައިނަލް މެސީއަށެވެ. މިމެޗުގައި މެސީ ދެ ލަނޑު ޖެހި އިރު މުޅި މުބާރާތުގައި އޭނާ ވަނީ ޖުމްލަ 7 ލަނޑު ޖަހާފައެވެ.

މުޅި މުބާރާތުގައި މަމްބާޕޭ ވަނީ 8 ލަނޑު ޖަހާފައި/ފޮޓޯ: ފީފާ

ގަތަރު 2022 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރާންސްގެ ހުނަރުވެރި ފޯވަޑް ކިލިއަން މަމްބާޕޭއެވެ. މިމެޗުގައި މަމްބާޕޭ 3 ލަނޑު ޖެހި އިރު މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގެ ފައިނަލް މެޗެއްގައި ކުޅުންތެރިއަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. މަމްބާޕޭ ވަނީ މިމުބާރާތުގައި ޖުމްލަ 8 ލަނޑު ޖަހާފައެވެ.