ގަތަރުގައި ކުރިއަށް ދިޔަ ފީފާ 2022 ވޯލްޑްކަޕް އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އާޖެންޓީނާ މިމެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ.
މިމެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވީ އިރު ސްކޯ 2-2 ގައި އޮވެ އިތުރު ވަގުތުގައި ދިން 30 މިނެޓްގައި ވެސް ދެ ޓީމުން ދެ ލަނޑު ޖެހުމުން ސްކޯ 3-3 ގައި އޮތުމުންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ އާޖެންޓީނާއިންނެވެ. ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖެހީ ލައިނަލް މެސީއެވެ. ފުރަތަމަ ހާފްގައި އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެންގަލް ޑި މޭރިއާއެވެ.
މެޗުގެ ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން އާޖެންޓީނާ މޮޅަށް ކުޅުނު ނަމަވެސް މެޗުގެ 90 މިނެޓާ ގާތް ވާން އޮއްވާ ފްރާންސުން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ސްކޯ 2-2 އަކަށް ހަދާފައެވެ.
މި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ކިލިއަން މަމްބާޕޭއެވެ. މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވުމާއެކު އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 30 މިނެޓް ކުޅުނު އިރު 15 ވަނަ މިނެޓްގެ ދެވަނަ ހާފްގައި އާޖެންޓީނާއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެސީއެވެ.
އެހެން ނަމަވެސް ފްރާންސުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީ އަކުން އަނެއްްކާވެސް ކިލިއަން މަމްބާޕޭއެވެ. މިއީ މިމެޗުގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގެ ފައިނަލް މެޗެއްގައި ކުޅުންތެރިއަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.
މިއަށް ފަހު 120 މިނެޓްގެ ކުޅުން ހަމަވެ ޕެނަލްޓީ ޖަހަން ޖެހުނު އިރު އާޖެންޓީނާއިން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކުރީ 4-2 އިންނެވެ.