ގަތަރު 2022 ގެ ފައިނަލްގައި މިރޭ ފްރާންސް އަދި އާޖެންޓީނާ ނިކުންނަ އިރު ދެ ޓީމު ކުރެ ކޮންމެ ޓީމަކަށް ވެސް ތަށި ލިބުނަސް ވަނީ ތާރީހީ ކާމިޔާބީއަކަށެވެ.
1998 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ވޯލްޑްކަޕްގެ ތަށި ފްރާންސުން ހޯދި އިރު އާޖެންޓީނާއަށް ވެސް މިތަށި ލިބުނީ ދެފަހަރެވެ. މިގޮތުން އާޖެންޓީނާއަށް އެންމެ ފަހުން ވޯލްޑްކަޕް ލިބިފައިވަނީ މީގެ 36 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނގެ ކުރިން 1978 ވަނަ އަހަރެވެ.
މިރޭ ތަށި ފްރާންސްއަށް ލިބިއްޖެނަމަ އެޓީމު ވާނީ 60 އަހަރުގެ ތެރޭގައި ޖެހިޖެހިގެން ދެ ވޯލްޑްކަޕް ހޯދާ ފުރަތަމަ ޓީމަށެވެ. މިރޭ އާޖެންޓީނާ ތަށި ގެންގޮސިއްޔާ ވާނީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނާ ލައިނަލް މެސީގެ ފުރަތަމަ އަދި ފަހު ވޯލްޑްކަޕް ތައްޓަށެވެ.
ފްރާންސް ނިކުންނާނީ ފޭވަރިޓުންގެ ގޮތުގައި
2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް ފައިނަލަށް ހިސާބަށް އައިސްފައިވަނީ ޕެނަލްޓީ ޝޫޓްއައުޓެއްގައި ނުޖެހި 90 މިނެޓްގެ ތެރޭގައި ނަތީޖާ ކަށަވަރުކޮށްގެންނެވެ. ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް އައި ފްރާންސް ގަދަ 16 ގައި ނިކުތީ ޕޮލެންޑާ ދެކޮޅަށެވެ. އެހެން ނަމަވެސް 1-3 މިމެޗު ކާމިޔާބުކޮށް ކުއާޓާއަށް ފްރާންސް ދިޔައީ ހަމަޖެހިލައިގެންނެވެ. ކުއާޓާގައި އިންގްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ފަރާތުން މާ ރީތި ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް 2-1 ގެ ނަތީޖާއަކުން އެޓީމުން ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރިއެވެ.
ސެމީގައި ފޭން ފޭވަރިޓް މޮރޮކޯއާ ދެކޮޅަށް ފްރާންސުން ދެއްކީ ޗެމްޕިއަނުން ފެންވަރުގެ ކުޅުމެކެވެ. މިގޮތުން ލިބުނު ދެ ފުރުސަތުގައި ލަނޑު ޖަހާ މޮރޮކޯގެ ހަމަލާތައް ހުޝިޔާރު ކަމާއެކު ދިފާއުކުރަމުން ދިޔައެވެ. އަދި 2-0 އިން މޮރޮކޯ ބަލިކުރުމަށް ފަހު ފްރާންސުން ވަނީ ޖެހިޖެހިގެން ދެ ފައިނަލަށް ގޮސްފައެވެ.
ފައިނަލް މެޗަށް ފްރާންސް ނިކުންނަ އިރު ސްކޮޑްގެ ގިނަ ކުޅުންތެރިންތަކެއް ބަލިވެ އުޅޭ ކަމުގެ ހަބަރުތައް ވަނީ ފެތުރިފައެވެ. މިގޮތުން، ގޮތް ނޭނގޭ ރޮނގާއެއް ޓީމުގެ ތެރޭގައި ފެތުރެމުންދާ ކަމަށާއި މިހާތަނަށް 5 ކުޅުންތެރިން ބަލިވެ ތަމްރީނާ ދުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ފްރާންސްގެ ޓީމުން ވަނީ މިކަމާ މެދު ކަންބޮޑުނުވާ ކަމަށް ބުނެފައެވެ. އަދި ފައިނަލަށް ވަރުގަދަ ފުރަތަމަ 11 އެއް ނެރޭނެ ކަމަށް ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ ބުނެފައެވެ.
ފުރަތަމަ މެޗުން ބަލިވި އާޖެންޓީނާއަށް ހަމަ ތަށި ވެސް ލިބިދާނެ
މުބާރާތުގެ ފުރަތަމަ މެޗުން 2-1 އިން އާޖެންޓީނާ ބަލިވުމަކީ މިރޭގެ ކުރިން ވެސް އަދި ފަހުން ވެސް ދައްކާނެ ވާހަކައެކެވެ. އެހެން ނަމަވެސް އާޖެންޓީނާ ފައިނަލަށް ދިޔައީ އެނގެ ފަހުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ނުވިތާކަށް ނެދެލޭންޑްސްއާ ދެކޮޅަށް ޕެނަލްޓީ ޝޫޓް އައުޓެއް ވެސް ކާމިޔާބުކޮށްގެންނެވެ.
ގްރޫޕް ސީގެ އެއްވަނަ އާޖެންޓީނާ ގަދަ 16 ގައި އޮސްޓްރޭލިޔާއާ ކުޅުނު އިރު އެމެޗު މެސީގެ ގޯލަކާއެކު އާޖެންޓީނާ ކާމިޔާބުކުރީ 2-1 އިންނެވެ. އެއަށް ފަހު ކުއާޓާގައި ކުޅެން ޖެހުނީ އުނދަގޫ އަދި 'ހަޑި' މެޗެކެވެ. ޖުމްލަ 18 ރީނދޫ ކާޑު ދެއްކި މިމެޗުގައި އާޖެންޓީނާ އަދި ނެދެލޭންޑްސްގެ ފަރާތުން ވެސް ފެނުނީ ވަރުގަދަ އަދި ފައުލު ގިނަ ކުޅުމެކެވެ. އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް ދެ ޕެނަލްޓީ ސޭވް ކުރި އިރު ސެމީއަށް އާޖެންޓީނާއަށް ދެވުނީ އުނދަގުލުންނެވެ. އެހެން ނަމަވެސް ސެމީގެ މެޗު ވަރަށް ފަސޭހައެވެ. މިގޮތުން ކްރޮއޭޝިއާ 3-0 އިން ބަލިކޮށް އާޖެންޓީނާ މިވަނީ ހަވަނަ ފައިނަލަކަށް ދަތުރުކޮށްފައެވެ.
ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑި ރޭގަނޑު 8 ޖަހާ އިރުއެވެ.