އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ތުހުމަތުކުރެވޭ، އަބްދުﷲ އިބްރާހީމް (އަބުޗާ) 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުން އޭނާ ދޫކޮށްލުމަށް ނިންމި ނިންމުން ބާތިލްކޮށް އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މީގެ ކުރިން ބުނި ގޮތުގައި އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ކަމަށް ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
އަބުޗާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 2020 ގައި ފުލުހުން އައްޑޫ ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި 61 ކިލޯގެ ޑައިމޯފިން އަދި ގާތްގަނޑަކަށް 18 ކިލޯގެ މެޓަމްފެޓަމިން އަތުލައިގެންފައިވެއެވެ. ފުލުހުން ފެނުމުން ޑިންގީގައި ހުރި މަސްތުވާތަކެތީގެ ގޯނިތައް ކަނޑަށް އުކާލި ނަމަވެސް، ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ހޯދައި، އަބުޗާއާއެކު އިތުރު 17 މީހަކު ހައްޔަރުކުރިއެވެ.
މި މައްސަލައިގައި އަބުޗާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، 50 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް، އޭނާ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން މިދިޔަ އަހަރުގެ މެއި މަހު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްދީފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބުޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ. އެއާއެކު އޭނާ ދޫކޮށްލުމާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފާޑުކިޔާފައި ވެއެވެ.
ނަމަވެސް ޕެރޯލްގެ ނިންމުން ބާތިލްކޮށް މިއަދު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. އަދި ޕެރޯލްގެ ފުރުސަތު ދޭން ޕެރޯލް ބޯޑުން ނިންމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށްވާތީ ކަމަށް ވެއެވެ. މި މައްސަލައާއި ގުޅިގެން ޕެރޯލް ބޯޑުގެ 6 މެންބަރުން ވަނީ ވަކިކޮށްފަ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް ޕެރޯލް ބޯޑުގައި ނުވަ މެންބަރުން ތިބެއެވެ.
އަބުޗާއަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަށް ފަހަރަށް ވުރެ ގިނައިން ހައްޔަރުކޮށްފައިވާ، އަދި ގޭންގް ރޭޕްގެ ތުހުމަތުތައްވެސް ކުރެވިފައިވާ ކުށުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ.
މީގެ ކުރިން 2019 ވަނަ އަހަރު މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކުރުމުން، ނެޓްވޯކްގެ އެހެން މީހަކު ލައްވާ ކުށުގެ ޒިންމާ ނަންގުވައިގެން ކޯޓު މަރުހަލާއިންވަނީ ސަލާމަތްވެފައެވެ.
