ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، އެ މަޝްރޫއުތައް ތަންފީޒުކުރުމުގެ ދުވެލި ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ.

މި ބައްދަލުވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގައި ބޭއްވެވި މި ބައްދަލުވުމުގައި، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން މިހާރު ކުރިއަށްގެންދަވާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މެދުގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މުދަލާއި ތަކެތި ހޯދުމުގައި ދިމާވި ދަތިތަކަށް މިހާރު ހައްލުތަކެއް ހޯދިފައިވާތީ، މަސައްކަތް މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތައް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައެވެ.

މީގެއިތުރުން، ރައްޔިތުންނާ ގުޅިފައިވާ ވަކިވަކި ތަރައްގީގެ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަދި ދެވިފައިވާ މުއްދަތުތަކަށް ނިންމުމަށްޓަކައި، ހުރިހާ މުއައްސަސާތަކެއް ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްކުރެއްވުމަށްވެސް ރައީސް ބާރު އަޅުއްވާފައި ވެއެވެ.