ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މަމްސް ޖަމިއްޔާ އާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފާއި، މަމްސް އެންޖީއޯގެ ފަރާތުން ސޮއި ކުރެއްވީ ކޯ-ފައުންޑަރު ސިތްރާ މުހައްމަދެވެ. މި އެއްބަސްވުމުގެ ދަށޫން އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ވަނީ ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވެފައެވެ.

އެޗްޑީސީން ބުނީ، މިއީ އެ ކޯޕަރޭޝަންގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރާ ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ސްޓޯ ކުރުމަށް ހަމަޖައްސައިދޭ ޔުނިޓެއްކަމަށެވެ. މި ޔުނިޓު ހުންނާނީ H8 ވަނަ ޓަވަރުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެނުންނާ ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށް ވެސް ވަނީ އެއްބަސްވެފައެވެ. އަދި މަމްސް އެންޖީއޯއަށް "ހޯޕް ފޮ މަމްސް" ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއާހައުސް ސްޕޭސްއެއް ކަނޑައަޅައި ދިނުމުގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

މި ކެމްޕެއިންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިން ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. "މަމްސް އެންޖީއޯ" ގެ މައިގަނޑު މަގްސަދަކީ ދިވެހި މަންމައިން ބާރުވެރި ކުރުވުމެވެ. މިއީ މީސްމީޑިއާ ފޭސްބްކްގައި "މަމްސް އެމްވީ" ގެ ނަމުގައި މަންމައިން އިސްވެ ހިންގާ ހަރަކާތެކެވެ. މި ގްރޫޕްގައި 39000 އަށް ވުރެ ގިނަ މައިން ހަރަކާތްތެރިވެއެވެ.

އެގޮތުން ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމާ، އަންހެނުން ވަކިން ހާއްސަކޮށް އެކަނިވެރި މައިން މުޖްތަމައުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ އެ ޖަމިއްޔާ އިން އެންމެ އެިސްކަމެއް ދީގެން ހިންގާ ހަރަކާތްތަކެވެ. މީގެ ތެރޭގައި އެ ޖަމިއްޔާ އިން ހިންގާފައިވާ ބެކް ޓު ސްކޫލް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ހަރަކާތްތަކެކެވެ.

އެޗްޑީސީން ބުނީ، މިއަދު މަންސް އެންޖީއޯއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބޭނުން ޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެނ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް މުޖުތަމައުއިން ފެނިގެންދާނެ ކަމަށެވެ.