ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކޮށްފައިވާ ތިލަފުށި މާސްޓާ ޕްލޭން އިފްތިތާހް ކޮށްފިއެވެ.
ދަރުބާރުގޭގައި ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯ ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިލަފުށި މާސްޓާ ޕްލޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.
އެޗްޑީސީން ބުނީ، ސިނާއީ އެކި މަސައްކަތްތަކަށާއި ވިޔަފާރިތަށް ހިންގުމުގަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި ހާދިސާތައް ވެސް މިހާރު އާއްމުވެފައި ވާ ކަމަށެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި ސިނާއީ ކަންކަމަށް ހާއްސަކޮށްފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރި ކަމަށާއި ޒަމާނީ ވަސީލަތްތަކާ އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެ ތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓާ ފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާ ގޮތަށް އެ ޕްލޭން ފަރުމާކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން އެކަމަށް ހާއްސަކޮށް ބިން ހިއްކޭ އިރު ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންކަން ކަމަށް އެޗްޑީސީން ބުނެއެވެ.
ތިލަފުށި މާސްޓާ ޕްލޭން ލޯންޗުކޮށްފައިވާ އިރު އެ މާސްޓާ ޕްލޭނާ ގުޅޭ އިތުރު މައުލޫމާތު މޯލްޑިވްސް ލިވިން އެކްސްޕޯގެ އެޗްޑީސީގެ ސްޓޯލުން ލިބޭނެ ކަަމށް އެޗްޑީސީން ބުނެއެވެ. މި މަހުގެ 15 އިން 17 އަށް ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ކުރިއަށްގެންދާ ލިވިން އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް ހުންނާނީ ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގެ ސްޓޭޖުގައެވެ.