ދަރުބާރުގޭގައި ކުރިއަށްގެންދާ މޯލްޑިވްސް ލިވިން އެކްސްޕޯ 2022 ގައި އެޗްޑީސީން ބައިވެރިވެއްޖެއެވެ.

މި މަހުގެ 15 އިން 17 އަށް ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ކުރިއަށްގެންދާ ލިވިން އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް ހުންނާނީ ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގެ ސްޓޭޖުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީއިން ބުނީ އެ އެކްސްޕޯގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަނުގެ ބިޔަ މަޝްރޫއެއްކަމުގައިވާ ތިލަފުށި މާސްޓާ ޕްލޭނާއިއެކު ސިނާއީ ވިޔަފާރިއަށް ބޮޑެތި ފުރުސަތުތަކާއި އެކު ކަމަށާއި އެ އެކްސްޕޯގައި ތިލަފުށި މާސްޓާ ޕްލޭން ރަސްމީކޮށް ލޯންޗުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ތިލަފުށި މާސްޓާ ޕްލޭން ލޯންޗުކުރެވިގެން ދިއުމާއިއެކު މާސްޓާ ޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ސްޓޯލަށް ޒިޔާރާތްކޮށްލުމުން ލިބިގެންދާނެ ކަމަށާއި އެކުލަވާލެވިފައިވާ ތިލަފުށީގެ މާސްޓާ ޕްލޭންގައިވާ ގޮތުގެ މަތިން ތިލަފުށީގައި ދިމާވެފައިވާ ބިމުގެ ޖާގައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ތިލަފުށީގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން އިތުރަށް ބުނީ އެގޮތުން ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދުކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށާއި ބިމުގެ ބޮޑުމިނުގައި 5000-35000 އާއި ދެމެދުގެ އަކަފޫޓުގެ ޕްލޮޓުތައް ހުންނާނެ ކަމަށެވެ.