ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާތައް ނެރުނު މޮރޮކޯ ސެމީ ފައިނަލް މެޗުން ބަލިވުމުން ވެސް ރިވެތި ނަމޫނާ ދައްކައިފިއެވެ.

ރޭ އެންމެ ފަހުގެ ޗެމްޕިއަންސް ފްރާންސް އަތުން 2-0 އިން މޮރޮކޯއަށް ބަލިވެގެން ފައިނަލް އަށް ދާން އޮތް މަގު ބަންދުވީ އިރު މޮރޮކޯ ދަށްވީ މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައެވެ. އެހެން ނަމަވެސް މޮރޮކޯއަށް މިހަމަލާތައް ނިންމަން ނޭނގުމާ ފްރާންސްއަށް ލިބުނު މަދު ޗާންސްތައް ގޯލުގެ ތެރެއަށް ވައްދާލުމުގެ ނަތީޖާއަކަށްވީ މޮރޮކޯގެ ހުވަފެންތައް ފެނަށްވުމެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ދުނިޔޭގެ ޗެމްޕިއަންސް ފްރާންސް އަތުން ލިބުނު މި ނާކާމިޔާބީއަށް ފަހު ވެސް މޮރޮކޯގެ ކުޅުންތެރިން ނަމޫނާ ދެއްކިއެވެ. ރޭގެ މެޗުގެ ފަހުން ވެސް ކުޅުންތެރިން އެއްވެ ޝުކުރުގެ ސަޖިދައެއް ކުރި އިރު މީގެ ކުރިން މޮޅުވި މެޗުތަކުގައި ވެސް މިގޮތަށް ސަޖިދަކުރާތަން ފެނުނެވެ. މެޗުގެ ނަތީޖާއާ މެދު ކިތަންމެ ދެރަވެފައި ތިއްބަސް ކުޅުންތެރިންގެ މޫނުމަތިން ފެނިގެން ދިޔައީ ފަހްރުވެރިކަމެވެ.

ކޯޗު ވަލީދު ކުޅުންތެރިންނަށް ހިތްވަރު ދެނީ/ފޮޓޯ: ޓުވިޓާ

މުޅި މެޗުގައި ހުއްޓާނުލާ ސަޕޯޓްކުރަމުން ދިޔަ މޮރޮކޯގެ އެތަށް ހާސް ފޭނުންގެ އިހްސާސްތައް ވެސް ހުރީ މިހެންނެވެ. ޓީމު ބަލިވިޔަސް މިއީ އަދި ނާކާމިޔާބީއެއް ނޫން ކަމަށާ ވޯލްޑްކަޕްގައި ހޯދުނު ތާރީހީ ނަތީޖާތައް އެހާ ފަސޭހައިން ހަނދާން ނައްތާނުލާނެ ކަމަށް ވެސް މޮރޮކޯގެ ފޭނުން ބުންޏެވެ.

މޮރޮކޯ ޓީމު ސަޕޯޓަރުންނާއެކު/ފޮޓޯ: ޓުވިޓާ

ފައިނަލަށް ނުދިޔަ ދެ ޓީމުން މުބާރާތުގެ ތިން ވަނަ ހޮވާ މެޗު އަދި ކުޅެން އޮތް އިރު ވޯލްޑްކަޕްގެ ތިން ވަނަ ހޮވާ މެޗަކީ 'ބޭކާރު' މެޗެއްގެ ގޮތުގައި ހުޅަނގުުގެ މީޑިއާއިން ސިފަކުރެއެވެ. އެހެން ނަމަވެސް ސެމީ ފައިނަލަށް ދިޔަ ފުރަތަމަ އެފްރިކާގެ ޓީމަށް މުބާރާތުގެ ތިން ވަނަ ލިބުން ވާނީ ވެސް ބޮޑު ކާމިޔާބީއަކަށެވެ.

ހޮނިހިރު ދުވަހު ކުޅޭ މިމެޗުގައި މޮރޮކޯއިން ވާދަކުރާނީ ކްރޮއޭޝިޔާއާއެވެ. މި ދެޓީމަކީ ގްރޫޕް ސްޓޭޖްގައި ކުޅެފައި އޮތް ދެ ޓީމަށް ވާ އިރު މިމެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑްކަޕްގެ ތިން ވަނަ ހޮވާ މެޗު އޮންނާނީ ހޮނިހިރު ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު 8 ޖަހާ އިރެވެ.