މާލޭގެ އާންމުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރަމުން އައި ކުޑަގިރީގައި ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޯޕަން ޑޭއެއް ބާއްވަން އެޗްޑީސީން ނިންމައިފިއެވެ.

ކުޑަގިރީގައި މަސައްކަތްކުރުމަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އެޗްޑީސީން ހުޅުވާލާފައިވާއިރު މި މަގާމުތަކުގެ މުސާރަ އުޅެނީ 8500 އިން ފެށިގެން 17000 އާ ދެމެދުގައެވެ.

17 މަގާމަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި، އެގްޒެކެޓިވް ސެކްރެޓަރީ، އެކައުންޓެންޓް، ރޫމް އެޓެންޑެންޓް، ސޭލްސް އެންޑް ރިޒަވޭޝަން ކޯޑިނޭޓާ، ރިސެޕްޝަނިސްޓް، ޓެނެންޓް މެނޭޖްމަންޓް ކޯޑިނޭޓާ، މާކެޓިން އެންޑް ޕީއާރް ކޯޑިނޭޓާ، އިމާމު އަދި މަސައްކަތު މީހުން ހިމެނެއެވެ.

އެޗްޑީސީން ބުނީ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އޯޕަން ޑޭއަށް، ތައުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިއުންތަކާއި، އައިޑީ ކާޑު ކޮޕީ ހިފައިގެން އައުމުން ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

އޯޕަން ޑޭ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން މެންދުރުފަހު 3 އަށް އެޗްޑީސީ މައި އޮފީހުގެ ގްރަންޑް ފްލޯގައެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 41.4 މިލިއަން ރުފިޔާ އަށް، 150 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މި ރަށް އާއްމުންނަށް ދަތުރުދިއުމަށް ހުޅުވާލުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

މާލޭގެ އާންމުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދެކެވެ.