ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ފަތުުރުވެރިއެއްގެ ގޮތުގައި ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ސިފަ ކުރައްވައިފިއެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ރާއްޖެ ހިންގަމުން ދަނީ އިންޑިއާ ސަފީރު އަންގާ ގޮތަށް ކަމަށާއި ވެރިއަކަށް މިހާރު ހުންނެވީ އިންޑިއާގެ "ޕަޕެޓެއް" ކަަމަށެވެ. މިއީ އެއްވެސް ހިންގުންތެރިކަމެއް ހުރި ސަރުކާރެއް ނޫން ކަމަށާއި އަދި ސަރުކާރުން އުޅެނީ ރައްޔިތުންގެ ޖީބުތައް ފެލާލައިގެން ވެރިކަން ކުރަން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރު ވެރިކަމަށް އައި ފަހުން ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ސޯލިހަށް ފާޑު ވިދާޅުވަމުން ހީނާ ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފަހުން ދުނިޔެ ވަށާ ބުރު ޖަހަމުންދާ ކަމަށެވެ. އެގޮތުން ވެރިކަމުގައި ހުންނެވީ ފަތުރުވެރިއެއް ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާރު އިގްތިސޯދަށް ދިމާވަމުން އަންނަ ދަތިކަމުގެ ވާހަކައަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ޑޮލަރުގެ އަގު މަތިވެއްޖެ ކަަމަށާއި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުން އަންނަ ކަމަށެވެ. މިހެން ކަންތައް ދިމާވަމުން އައި ނަމަވެސް އިތުރު ޓެކްސް ނަގައިގެން ސަރުކާރު ހިންގުމަށް ބިލެއް ފާސްކޮށްފައިވާ ކަން ފާހަގަ ކުރައްވައި ހީނާ ވަނީ މި ސަރުކާރުގެ ނިންމުމަށް ފާޑު ވިދާޅުވެފައެވެ.
މި ނޫސްވެރިންގެ ބައްދަލުމުގެ ވާހަކަ ދައްކަވަމުން ހީނާ ވަނީ ޕީޕީއެމުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ "ފެލާލައިފި" ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަން ފާހަގަކުރައްވާ މި ޖަލްސާ އަށް ޕީޕީއެމްގެ އެންމެހާ މެންބަރުންނަށް އަދި ސަރުކާރާމެދު ހިތްހަމަނުޖެހޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. އެ ޖަލްސާ ބޭއްވުމަށް އެ ދުވަހުގެ ރޭގަނޑު 8:30 ގައި ކާނިވާ ސަރަހައްދުގައެވެ.
ރައީސް ސޯލިހް ފަތުރުވެރިއެއްގެ ގޮތުގައި ހީނާ ސިފަކުރައްވާފައި ވާއިރު، ދާދިފަހުން ރައީސް ސޯލިހް ވަނީ މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕްގެ މެޗުތައް ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގެންފައެވެ. ރާއްޖޭގެ ފުޓްބޯޅަ ޓީމް ވާދަނުކުރާ އެފަދަ ކަޕެއް ބައްލަވާ ލެއްވުމަށް އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި ރައީސް ވަޑައިގަތުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ރައީސްގެ އެ ދަތުރުފުޅު ނިންމަވާލައި ރާއްޖެއަށް ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.
ބޭނުން ކޮށްފައިވާ ފޮޓޯ އާއި ދޭތެރޭ ކީކޭތޯ ދަންނަވަނީ. މިހާރު ހުރީ ބުރުގާ އަޅައިގެން ނޫން ތޯ
ޢަޅެ މި މީހުން ބުނާގޮތައް ވެރިކަންކުރަން ބަޔަކު ބުރަމަސައްކަތް ކޮށްގެން ގެނެސްފަ ހުރި ރައީސެއްތަމީ