ރައްޔިތުންނާ ގުޅުން ހުރި ހަރަކާތްތަކަށް ހުޅުމާލޭގައި ކޮމިއުނިޓީ ހަބްއެއް ގާއިމުކުރަން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮމިއުނިޓީ ހަބްއެއް ގާއިމު ކުރުމަށް އަލޯހާ ކްލަބް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭ ބީޗް ސަރަހައްދުގައި ގާއިމު ކުރާ އެ ހަބްއަކީ 406.23 އަކަ ފޫޓުގެ ބިމެއްގައި އިމާރާތް ކުރެވޭ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ހިންގޭނެ ތަނެއް ކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން މޫދުގެ ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުވުމަށް ލައިފް ސްކިލް ޕްރޮގްރާމްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ގިނަ ހަރަކާތްތަކެއް އެ ހަބުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީއިން އިތުރަށް ބުނީ ވަކިން ހާއްސަކޮށް ތިމާވެއްޓަށް ގެއްލުންވާ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ޒުވާނުން އަދި ކުޑަކުދިންނަކީ ތިމާވެއްޓަށް ލޯބި ޖެހިފައި ތިބި ބަޔަކަށް ހެދުމަށް ވެސް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.