ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް އެ އޮތޯރިޓީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މިއަދު ދީފިއެވެ.

އެޗްޑީސީން ބުނީ، މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ކަމަށެވެ.

މި ލައިސަންސްގެ ދަށުން އެޗްޑީސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމު ކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗާ ދޫކުރުމުގެ ހުއްދަ ލިބިދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗްޑީސީއަށް ދޫކުރި ނަމަވެސް، މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މީ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް މީގެކުރިން ދީފައިވާ ކަމަށެވެ.

އަދި އެޗްޑީސީއަށް މިއަދު ދިން ރަސްމީ ލައިސަންސް ދޫކުރީ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެމުން ދާތީކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެކޯޕަރޭޝަނުން ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ގެ ހިދުމަތް ދޭން ފަށާފައި ކަމަށެވެ. އަދި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ހިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފޯރުކޮށްދޭތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށާއި މީގެ ސަބަބުން މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އަދި އެޗްޑީސީން ފާހަގަކުރެއެވެ.