ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާއި ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާ އެކު އެޗްޑީސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވާވޭއަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާ އާއި ސްމާޓް ޑިވައިސްތައް ފޯރުކޮށް ދިނުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

އެޗްޑީސީން ބުނީ، މި އެމްއޯޔޫގެ ދަށުން ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް ތަންފީޒު ކުރުމަށް ވާވޭގެ ފަންނީ ތަޖުރިބާއާ އެކު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެޗްޑީސީ އާއި ވާވޭ އިން ގަބޫލުކުރާ ގޮތުގައި މި އެމްއޯޔޫގެ ސަބަބުން އެޗްޑީސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވްއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެއެވެ. ހުޅުމާލެ އަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ވާވޭގެ ސީއީއޯ ވިދާޅުވީ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންފްރާސްޓްރަކްޗާ އާއި ސޮލިއުޝަންތައް ފޯރުކޮށްދީ، ވާވޭގެ ތަޖުރިބާ ރާއްޖޭގައި 12 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. ވާވޭ އިން "އިން މޯލްޑިވްސް، ފޯ މޯލްޑިވްސް" ގެ މި ތަސައްވުރު ދަމަހައްޓާނީ، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، ކޮންމެ ފަރުދަކަށް، ގެއަކަށް އަދި ޖަމިއްޔާއަކަށް ވެސް ޑިޖިޓަލައިޒޭޝަން ތަރައްގީ ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްމާޓް ސިޓީ، ސްމާޓް ޓުއަރިޒަމް އަދި ސްމާޓް އެޑަކްޝަންއާ ބެހޭ ގޮތުން ދުނިޔޭގެ ތަޖުރިބާ ހިއްސާކުރުމަށް ވާވޭ އިން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްމާޓް އަދި ގުޅިފައިވާ މުޖުތަމައުތައް ބިނާކުރުމުގެ އުއްމީދީ ވިސްނުމަކާއެކު އެޗްޑީސީން އަންނަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއްގެ ދަށުން ހުޅުމާލެ އަކީ ޑިޖިޓަލްކޮށް ކުރިއަރަމުން އަންނަ ސްމާޓް ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށްޓަކައި އާ ޓެކްނޮލޮޖީތަކާއި ސްމާޓް ސޮލިއުޝަންތައް ދެނެގަނެ، އޭގެ ބޭނުން ހިފައި، އިޖުތިމާއީ ބައިވެރިވުން ކަށަވަރު ކުރުމާއި، ދަތުރުފަތުރު ކުރުން އިތުރު ކުރުމާއި، ރައްކާތެރި، ސާފު މާހައުލެއް ގާއިމުކޮށް، ދިރިއުޅެވޭނެ ސިޓީއެއް އުފެއްދުމަށް އެ ކުންފުނިން އަންނަނީ ކެނޑިނޭޅި އިންވެސްޓް ކުރަމުންނެވެ.