ދުބާއީގެ ބިލިއަނަރު މުހައްމަދު ބިން ރާޝިދު ސްޕޭސް ސެންޓަރުން އުފެއްދި މޫން ރޯވާ، ނުވަތަ ހަނދުގައި ދުއްވާ އުޅަނގު އިއްޔެ ފޮނުވާލައިފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ބިލިއަނަރު އެލޮން މަސްކުގެ ކޭޕް ކެނެވަރަލް ސްޕޭސް ފޯސް އިން އަމިއްލަ ކުންފުންޏެއްގެ ރޮކެޓެއްގައި ފޮނުވާލި މި އުޅަނދު ހަނދަށް ތިރި ކުރާނީ އަންނަ އަހަރުގެ އޭޕްރީލް ގައި ކަމަށް ހަބަރުތައް ބުނެއެވެ. ޖަޕާނުގެ ލޫނާ ސްޕޭސް ކުންފުނި، އައިސްޕޭސް އިން ތަރައްގީ ކުރި ހަކޫރޯ-އާރު ލޭންޑާގެ އެހީގައި މި އުޅަނދު ހަނދަށް ތިރި ކުރަން ހަމަޖެހިފައި ވާ އިރު މި މިޝަން ނުވަތަ ދަތުރު ކާމިޔާބު ވެއްޖެ ނަމަ މިއީ އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި އައިސްޕޭސްގެ ހަކޫރޯ-އާރު ލޭންޑަރުގެ ފުރަތަމަ ކާމިޔާބީއަށް ވެސް ވާނެއެވެ.

އަރަބި ލޭންޑް ރޯވާ ކާމިޔާބު ކަމާއެކު ހަނދަށް ތިރިކުރެވިއްޖެ ނަމަ، ހަނދުގެ ބިން ދިރާސާ ކުރުމުގައި 1 ދުވަސް ހޭދަ ކުރާނެއެވެ. އެއީ ބިމުގެ ދުވަހުން ގުނާ ނަމަ 14.75 ދުވަހެވެ. އުޅަނދު ޑިކޮމިޝަން ކުރުމުގެ ކުރިން ދެވަނަ ދުވަސް ހޭދަ ކުރާނީ ރޭގަނޑު (އަނދިރި ވަގުތުގައި އެ އުޅަނދު މަސައްކަތް ކުރާތޯ ބެލުމަށް) ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މި އުޅަނދު ޖެއްސުމަށް ހަމަޖެހިފައި ވަނީ ހަނދުގެ އިރުއުތުރު ބިތަށް ކަމަށާއި އުޅަނދު ޑިޒައިން ކޮށްފައި ވަނީ ފިނިހޫނުމިން މައިނަސް 183 ޑިގްރީގައިވެސް މަސައްކަތް ކުރާ ގޮތަށް ކަމަށް ސްޕޭސް ހަބަރުރައްް ގެނެސްދޭ އިދާރާތަކާއި ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.

ދުބާއީގެ ކުރީގެ އަމީރު ޝައިހު ރާޝިދު އަލް ސައީދުގެ ނަމުން ނަން ދީފައި ވާ މި އުޅނަދު ހަނދުގައި ކުރާ ދިސާރާގައި، ސްޕޭސް އަށް ދަތުރު ކުރާ އެސްޓްރަނޯޓުން ލާ ސޫޓާއި މެޝިނަރީތަކާއި އާލާތްތައް ހަލާކުވުމަށް ދިމާވާ ތޫނު ހިރަފުހުގެ ސާމްޕަލްތައް ނަގާ ތަހުލީލު ކުރާނެ ކަމަށް ބުނެއެވެ.

މުޅިން ސޯލާ ޕަވާ ބޭނުން ކުރާ ގޮތަށް ޑިޒައިން ކޮށްފައި ވާ މި އުޅަނދުގައި 4 ކެމެރާ ހަރުކޮށްފައި ވާ އިރު އޭގެ ތެރެއިން އެއް ކެމެރާ އަކީ ތާމަލް ކެމެރާއެކެވެ. ދެވަނަ ކެމެރާ އަކީ މައިކްރޮސްކޯޕިކް ތަހުލީލުތަކަށް ހާއްސަ ކެމެރާއެކެވެ.

މި މިޝަން ކާމިޔާބު ވެއްޖެ ނަމަ ޔޫއޭއީން މިހާރު ޕްލެން ކޮށްފައި ވާ ގޮތަށް އިތުރު އުޅަނދުތައް 2025 ގައި ހަނދަށް ފޮނުވާނެއެވެ.