ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދިޔަ ފުރަތަމަ އެފްރިކާގެ ގައުމަކަށް މޮރޮކޯ ވެއްޖެއެވެ. މޮރޮކޯ ސެމީއަށް ދިޔައީ ގަތަރުގައި ކުޅެމުންދާ މުބާރާތުގެ ކުއާޓާގައި ޕޯޗުގަލް 1-0 އިން ބަލިކޮށްގެންނެވެ.
ގަދަ 16 ގައި ސްޕެއިން ބަލިކޮށްގެން ކުއާޓާއަށް އައި މޮރޮކޯ މިމެޗުގައި ގިނަ އިރު ކުޅުނީ ޑިފެންސިވް ކުޅުމެކެވެ. އެހެން ނަމަވެސް ކައުންޓާ އެޓާކްގައި މޮރޮކޯ އިން ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ.
އެޓީމުން ލަނޑު ޖެހީ ވެސް މި ގޮތަށް އުފެއްދި ހަމަލާއެއްގައެވެ. މިގޮތުން މެޗުގެ 42 ވަނަ މިނެޓްގައި ޕޯޗުގަލްގެ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅައެއް ފުއްމައިގެން އަރާ ބޮލުން ޖަހާ ގޯލަށް ވައްދާލީ މޮރޮކޯގެ އަލް ނަސީރީއެވެ. ނަސީރީ ވަނީ ޕޯޗުގަލްގެ ކީޕަރާއި ޑިފެންޑަރަށް ވުރެ ވެސް މައްޗަށް ފުއްމައިގެން އަރާފައެވެ.
1-0 އިން މޮރޮކޯ ކުރީގައި އޮވެގެން ހާފް ނިމުނު އިރު ދެވަނަ ހާފްގައި މުޅިހެން ކުޅުނީ ޕޯޗުގަލްއިންނެވެ. އެހެން ނަމަވެސް މޮރޮކޯގެ ކީޕަރު ބޯނޯގެ ފުރިހަމަ ސޭވްތަކެއް ފެނިފައިވާ އިރު މޮރޮކޯއިން ވަނީ ޓީމެއްގެ ގޮތުގައި ޑިފެންޑްކޮށް ނަތީޖާ ދިފާއުކޮށްފައެވެ.
މެޗުގެ ނިމެން ދަނިކޮށް ރެފްރީ ވަނީ ދެވަނަ ހާފްގައި މޮރޮކޯ އަށް ކުޅެން އެރި ވަލީދް ޗެދީރާއަށް ރަތް ކާޑެއް ދައްކާފައެވެ. އެއީ ކައިރީ ކައިރީ ދެ ރީނދޫ ކާޑު ދެއްކުމަށް ފަހުއެވެ.
10 ކުޅުންތެރިންނާއި އެކު ވެސް މޮރޮކޯއިން ހިތްވަރުގަދަ ކުޅުމެއް ދެއްކި އިރު މެޗު ނިމުނީ 1-0 އިން މޮރޮކޯ މޮޅުވެ ތާރީހުގައި ޓީމުގެ ނަން ލިޔެގެންނެވެ.
ސެމީގައި މޮރޮކޯއިން ކުޅެން ޖެހޭނީ މިރޭ ފްރާންސްއާ އިންގްލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.