ހުޅުމާލޭގައި ހެދިކާ އަދި ތައްޔާރީ ލުއި ކާނާ ވިއްކުމުގެ ބޭނުމަށް ފަރުމާކޮށްފައިވާ އާބަން ޝެކް އާއި އާބަން ކިއޮސްކް ކުއްޔަށް ސޫކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހެދިކާ ވިއްކުމުގެ ބޭނުމަށް ފަރުމާކުރެވިފައިވާ 4 "އަރބަން ޝެކް" ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ހުޅުމާލެގެ ނެއިބާހުޑް 6 އިން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށް އާބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ވެސް ވަނީ ހުޅުވާލާފައި ކަމަށް އެޗްޑީސީން ބުނެއެވެ
"އާބަން ޝެކް" ތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ރައްވެހިންނާއި، ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށާއި ކުއްޔަށް ދޫކުރަނީ 2 އަހަރުގެ މުއްދތަަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެ ތަނަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އާބަން ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އާބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަސްތެރޭގައި ހިދުމަތް ދޭން ފަށަންވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެ މުއްދަތު ތެރޭގައި ހިދުމަތް ދޭން ނުފަށާ ނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާއި ނުލައި ބާތިލުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެގެ ނެއިބާހުޑް 6 އިން ހުޅުމާލެގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ފަރުމާކޮށްފައިވާ 4 އާބަން ކިއޮސްކްތަކުގައި ފެން އަދި ކަރަންޓުގެ ހިދުމަތް ބޭނުންކުރެވޭނެ ގޮތަށް ހަމަޖައްސާދީފައި ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކިއޮސްކް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓާއި ފެން ބޭނުންކުރެވޭނެ ކަމަށާއި ނަމަވެސް އެ ހިދުމަތްތައް ގުޅުމާއި ހިދުމަތުގެ އަގު ކުއްޔަށް ހިފާ ފަރާތުން އަދާކުރަން ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ކިއޮސްކްތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ހިދުމަތް ދެވޭނެއެވެ. އާބަން ކިއޮސްކް ވެސް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގައި މި ކޯޕަރޭޝަނުން ދަނީ އަބަދުވެސް މަސައްކަތް ކުރަމުން ކަމަށް އެޗްޑީސީން ބުނެއެވެ.