ސައުދީއަށް ނިސްބަތްވާ ނޫސްވެެރިރާ ޖަމާލް ހަޝޯގީ، ތުރުކީގައި ހުންނަ ސައުދީ ކޮންސުލޭޓުގައި މަރާލި މައްސަލައިގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ކުރި ދައުވާ ބޭރުކޮށްލައިފިއެވެ.

ހަޝޯގީގެ ލޯބިވެރިޔާ އެމެރިކާގެ ކޯޓެއްގައި އުފުލި ދައުވާ ބޭރުކޮށްލީ، ވަލީއަހުދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާއަށް ރައްކާތެރިކަން އޮތްކަން އިއުލާން ކުރައްވާފައި ވާތީއެވެ.

އެމެރިކާގެ ވޮޝިންގްޓަން ކޯޓުގެ ޖަޖް ޖޯން ބޭޓްސް މި ނިންމުން ނިންމާ ވިދާޅުވީ، ދައުވާ ބޭރުކޮށްލަން އެހާ ފަސޭހަ ނޫން ކަމަށާއި ނަމަވެސް ބައިޑަން އެގޮތަށް ނިންމަވާފައި ވުމުން އެނޫން ގޮތެއް ނެތް ކަމަށެވެ.

ހަޝޯގީ މަރާލައި ކުދިކުދިކޮށް ކޮށާލީ، ސައުދީ އެޖެންޓުން ތުރުކީ އަށް ގޮސް އޮކްޓޯބަރު 2018 ގައެވެ. އެކަމާ ގުޅިގެން އެއީ ވަލީ އަހުދުގެ އޯޑަރަށް ކުރި ކަމެއް ކަމުގައި އޭރު އެމެރިކާއިން ތުހުމަތު ކުރި ނަމަވެސް ވަލީއަހުދު އެކަމަށް އޭރު އިންކާރު ކުރެއްވިއެވެ. ނަމަވެސް ފަހުން އެކަން ހިނގާ ދިޔައީ އެނގިވަޑައިގެން ކަމަށް ފަހުން އިއުތިރާފުވެ ވަޑައިގަތެވެ.

ވަލީއަހުދަށް ދައުވާ ނުކުރެވޭނެ ކަމަށް އެމެރިކާއިން ބުނީ، ހުސްވި ނޮވެމްބަރު މަހު ސައުދީގެ ބޮޑުވަޒީރަކަށް ވަލީއަހުދު އައްޔަން ކުރުމާއެކު، އެއީ ގައުމެއްގެ ވެރިއަކަށް ވާތީ އެމެރިކާގެ ގާނޫނު ތަކުން ގައުމުތަކުގެ ވެރިންނަށް ލިބިދޭ މިނިވަންކަމާއި ހައްގުތައް ވަލީއަހުދަށްވެސް ލިބޭ ކަމަށް ނިންމާފައެވެ.

ހަޝޯގީ އަކީ އެމެރިކަގައި ނެރޭ ވޮޝިންގްޓަން ޕޯސްޓުގައި ވަލީއަހުދާއި ސައުދީ ސަރުކާރަށް ފާޑު ކިޔައި ކޮލަމް ލިޔުނު ލިޔުންތެރިއެކެވެ. އެނާ ތުރުކީގައި ހުންނަ ސައުދީ ކޮންސުލޭޓަށް ދިޔައީ، އޭނާގެ ލޯބިވެރިޔާ އާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ބަލައެވެ. ނަމަވެސް އޭނާ ކޮންސުލޭޓަށް ވަން ގޮތަށް ނުނިކުމެ އެތައް އިރެއް ވިއެވެ. އޭރު ބޭރުގައި އޭނާގެ ލޯބިވެރިޔާ އިންނަތާ އެތައް އިރެކެވެ. ހަޝޯގީ ނުނުކުތުމުން ކަންކަން ނިއުޅެމުން ދިޔަވަރަކުން ސާފުވީ، އޭނާ އެތެރެއަށް ވަން ވަގުތު ހިފަހައްޓާ، މަރާލީކަމެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ގަތުލަށް އިންސާފެއް ލިބިފައި ނުވާ އިރު، އިންސާފެއް ލިބިދާނެ ކަމަށް ހީކޮށް އޭނާގެ ލޯބިވެރިޔާ އެމެރިކާގެ ކޯޓަށް ލީ މައްސަލަވެސް މި މަރުވީއެވެ.