މަރާލާފައި ވާ ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވާ އެމެރިކާގެ ރައްޔިތެއް ކަމަށް ވާ އާސިމް ޣަފޫރު، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރު ކޮށްފިއެވެ.

މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ގާނޫނީ ވަކީލު އާސިމް ޣަފޫރު ހައްޔަރު ކޮށްފައި ވާ ކަން، ޔޫއޭއީގެ އޮފިޝަލެއްގެ އިތުރުން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމެރިކާގެ ގުރޫޕަކުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޔޫއޭއީ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އާސިމް ޣަފޫރު ހައްޔަރު ކޮށްފައި ވަނީ ދުބާއީ އެއާޕޯޓް މަގުން ޓްރާންސިޓް ކުރި ކުރުމުގެ ތެރޭގައި، ޖުލައި 14 ވަނަ ދުވަހުއެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ، އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ދިޔަ މަނީ ލޯންޑަރިންގް ނުވަތަ ކަޅު ފައިސާ ދޮވުމުގެ ދައުވާއަކާ ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ އޮފިޝަލަކު ވަނީ، އާސިމް ޣަފޫރު ހައްޔަރު ކުރުމާއި، ހަޝޯގީގެ މަރާ އެއްވެސް ގުޅުމެއް އޮތް ކަމުގެ އިޝާރާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޑިމޮކްރަސީ ފޮ ދި އަރަބް ވޯލްޑް ނައު (ޑޯން)ގެ މެންބަރުކަން ވެސް ކުރަމުން ދިޔަ އާސިމް ޣަފޫރު ހައްޔަރު ކޮށްފައި ވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި އޮތް އާއިލީ ކައިވެންޏަކަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައި ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަ ކޮށްފައެވެ. އާސިމް ޣަފީރު ދިރިއުޅެމުން ދިޔައީ އެމެރިކާގެ ވާޖީނިއާގައެވެ.

އާސިމް ޣަފޫރު ބަންދު ކޮށްފައި ހުރީ އަބޫދާބީގެ ޑިޓެންޝަން ފެސިލީޓީއެއްގައި ކަމަށް ޑޯންއާ ހަވާލާދީ، އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.