އިންސަނީ ހައްގުތަކަށް އަރައިގަތުމުގެ ރެކޯޑް އޮތް ސައުދީ އަރަބިއްޔާގެ ކޮންސޯޓިއަމް އަކުން، ނިއުކާސަލް ޔުނައިޓަޑް ގަތުމާ ގުޅިގެން، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން، އިނގިރޭސި ޕްރިމިއާ ލީގަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެގޮތުން، އިނގިރޭސި ޕްރިމިއާ ލީގަކީ، އެ ލީގަށް ކުޅޭ ޓީމުތަކުގެ ވެރިންނާއި ޑައިރެކްޓަރުންނަކީ އެ ކަމަށް އެންމެ އެކަށީގެން ވާ ފެންވަރުގައި ކުފޫ ހަމަވާ ބައެއްތޯ ނުވަތަ ނޫންތޯ ވިލަރެސް ކުރުމަށް ނުކުޅެދޭ ލީގެއް ކަމަށް އެމްނެސްޓީއިން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާގެ ކޮންސޯޓީއަމްއަކުން ނިއުކާސަލް ޔުނައިޓަޑް ގަތުމަށް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެފައި ވާ އިރު، އެމްނެސްޓީއިން ވަނީ، ސައުދީ ދައުލަތުގެ ނިޔަތް ރަނގަޅު ނޫން ކަމަށް ބުނެ، ސައުދީއާ ދެކޮޅަށް ކެމްޕޭންވެސް ކޮށްފައެވެ. އެގޮތުން ސައުދީ އަރަބިއްޔާއިން ދަނީ، ކުޅިވަރު ބޭނުން ކޮށްގެން އެ ގައުމުގެ ލާއިންސާނީ ރެކޯޑްތައް ދޮވެ ސާފު ކުރަމުން ކަމަށް ބުނެ، އެމްނެސްޓީއިން ލޮބީ ކުރަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކެލަމާޑް ވަނީ، މި ނިންމުމަކީ ނިއުކާސަލް ޔުނައިޓަޑުން ލަދު ގަންނަން ޖެހޭ ކަމެއް ވިދާޅުވެފައެވެ.

ސައުދީގެ ކުންފުންޏަކުން ނިއުކާސަލް ޔުނައިޓަޑް ގަތުމަށް ޕްރިމިއާ ލީގުން ފެހި ސިގުނަލް ދީފައި ވަނީ، ޓީވީ ރައިޓްސްތަކަކާ ގުޅޭ މައްސަލައެއް ހައްލު ކުރުމަށްފަހުގައެވެ. 300 މިލިއަން ޕައުންޑް ނުވަތަ 408 މިލިއަން ޑޮލަރުގެ މި އެއްބަސްވުމުގެ ދަށުން، ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން، ނިއުކާސަލް ޔުނައިޓަޑްގެ 100 ޕަސެންޓް ހިއްސާ ނަގާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްނެސްޓީގެ ކެމްޕޭންތަކާ ހަވާލުވެވަޑައިގެން އިސްކޮށް ހުންނަވާ ފީލިކްސް ޖޭކެންސް ވިދާޅުވީ، މި ނިންމުމަކީ، ކުޅިވަރު ބޭނުންކޮށްގެން "ދޮވެ ސާފުކުރުމަށް" އިނގިރޭސި ފުޓުބޯޅައިގެ ދުނިޔެ ހުޅުވާލާފައި އޮތް ކަން އަންގައިދޭ ނިންމުމެއް ކަމަށެވެ.

ޕްރިމިއާ ލީގުގެ ގަވައިދުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ވާހަކަ ބަޔާން ކޮށްފައި ނުވާއިރު، އެކަން އިސްލާހު ކުރުމަށްވެސް އެމްނެސްޓީއިން ވަނީ ގޮވާލާފައެވެ.

ޕީއައިއެފްއާ މެދު އެމްނެސްޓީއިން ސުވާލު އުފައްދާފައި ވާއިރު، ޕީއައިއެފްއާއި ސައުދީގެ ދައުލަތަކީ ވަކި ދެ ބައެއް ކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފައެވެ.

ސައުދީގެ ދައުލަތަކީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއްގެ އިލްޒާމު ބޮލުގައި އަޅަން ޖެހިފައި ވާ ދައުލަތެކެވެ. އެގޮތުން ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީ މަރާލި މައްސަލާގައި ސައުދީގެ ދައުލަތަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ހަޝޯގީގެ މަރުގެ ފަހަތުގައި ހުންނެވީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބުނަމުން ދާއިރު، ސައުދީއިން ދަނީ އެ ތުހުމަތަށް އިންކާރު ކުރަމުންނެވެ.