ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން، ސައުދީ އަރަބިއްޔާގެ އިސް ލީޑަރުންނަށް އަދަބު ދެއްވާނެތޯ ކުރިމަތި ކުރެއްވި ސުވާލުގެ ޖަވާބުގައި، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން "އާނ" ބަސްފުޅު ވިދާޅުވީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު ބައިޑަންއަކީ އެމެރިކާގެ، އުއްމީދީ، ރިޔާސީ ކެންޑިޑޭޓެވެ.

ނަމަވެސް، ހަޝޯގީގެ މަރަށް، އޮކްޓޯބަރު 2 ވަނަ ދުވަހު 3 އަހަރު ފުރުނުއިރު، މަސްރަހު ބަދަލުވެއްޖެއެވެ. އެމެރިކާގެ ރައީސް ބައިޑަންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު، ޖޭކް ސަލިވާން ވަނީ، ހަޝޯގީގެ މަރާ ގުޅިގެން އެންމެ ގިނަ ބައެއްގެ ތުހުމަތުގެ އިނގިލި އަމާޒުވި، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) އާ ބައްދަލު ކުރައްވާފައެވެ.

މުރާސިލުން ބުނާ ގޮތުގައި، މިއީ ހަޝޯގީގެ މަރާ ގުޅޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ބައިޑަން ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމަށް ފެއިލްވި ކަމުގެ މިސާލެކެވެ. އަދި އިންސާނީ ހައްގުތަކަކީ އެމެރިކާގެ ހާރިޖީ ސިޔާސަތުގެ "ހިތް" ކަމުގައި ހައްދަވާނެ ކަމަށް ބައިޑަން ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވަން ފެއިލްވި ކަމުގެ މިސާލެއްގެ ގޮތުގައިވެސް މުރާސިލުން މިކަން ސިފަކުރެއެވެ.

ސައުދީ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ކ)އާއި ކައިވެނި ކުރުމަށް ހަމަޖައްސަންޖެހޭ ބައެއްކަންކަމާ ގުޅިގެން/ފޮޓޯ: ޑެއިލީ ސްޓާ

ހަޝޯގީ ދެކެމުން އައި ހުވަފެންތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތަކީ، ޑިމޮކްރަސީ ފޮ ދި އަރަބް ވޯލްޑް ނައު (ޑޯން) އެވެ. ރަސްމީ ސިފައެއްގައި މި ޖަމިއްޔާ އުފެދިގެން އައި ހަޝޯގީގެ މަރަށް ފަހުގައެވެ. ޑޯންގެ އެޑްވޮކަސީ ޑައިރެކްޓާ ރާއިދު ޖައްރާރު ވިދާޅުވީ، ސަލިވާންގެ މި ދަތުރަކީ، ހަޝޯގީގެ މަރަށް އިންސާފު ހޯދަން ވަކާލާތު ކުރަމުންދާ މިހުންގެ މޫނުގައި "އެތިފަހަރެއް" ޖެހުން ކަމަށެވެ.

ގަތުލު: އެމެރިކާއާއި ސައުދީގެ ގުޅުން

ސައުދީގެ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގައި ލިޔުންތައް ޝާއިއު ކުރަމުން ދިޔަ ހަޝޯގީ މަރާލިއިރު، އެމެރިކާއާއި ސައުދީ ސަރުކާރާ ދެމެދު އޮތް ފަދަ އިންތިހާ ބަދަހި ގުޅުމެއް މިހާރު މުޅިއަކުން ފެންނާކަށް ނެތެވެ. އޭރު އެމެރިކާގެ ވެރިކަމުގައި ހުންނެވި ޑޮނާލްޑް ޓްރަމްޕަކީ، ފާޅުގައި އެމްބީއެސް ދިފާއު ކުރައްވަމުން ގެންދެވި ލީޑަރެކެވެ.

ޖެނުއަރީ 2021 ގައި އެމެރިކާގެ ވެރިކަމާ ބައިޑަންގެ ސަރުކާރުން ހަވާލުވެ، މާ ގިނަ ދުވަހެއް ނުވެ، އޮކްޓޯބަރު 2، 2018 ވަނަ ދުވަހު، ތުރުކީވިލާތުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި އިހާނެތި ގޮތަކަށް ގަތުލު ކުރި ހަޝޯގީގެ މަރާ ގުޅިގެން އެމެރިކާގެ ޖާސޫސީ ކޮމިއުނިޓީއިން ތައްޔާރު ކުރި ރިޕޯޓް އާންމު ކުރިއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމަލުގައި ބައިވެރިވި ޑެތްސްކޮޑުން ތުރުކީވިލާތުގެ އެއާޕޯޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

އެ ރިޕޯޓް ބުނި ގޮތުގައި، ތުރކީވިލާތުގެ އިސްތަންބޫލްގައި އޮޕަރޭޝަނެއް ހިންގުމަށް އެމްބީއެސް އަމުރު ކުރެއްވި ކަން އެ ޓީމުން މުރާޖާ ކުރިއެވެ. ނަމަވެސް، ސައުދީގެ ސަރުޚާރުން ވަނީ އެމެރިކާގެ ހޯދުންތައް ދޮގު ކޮށްފައެވެ. އޭގެ ބަދަލުގައި، ހަޝޯގީގެ މަރުގެ އިލްޒާމް، ސައުދީއިން އަމާޒު ކުރީ، ގައްދާރުވި އޮފިޝަލުންތަކަކަށެވެ. އެ ބައެއްގެ ވަނަވަރު އާންމު ކޮށްފައި ނުވާ 8 މީހެއްގެ މައްޗަށް 7 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމް އިއްވާފައިވެސްވެއެވެ.

ސައުދީގެ އޮފިޝަލުން އެންމެ ފުރަތަމަ ވިދާޅުވަމުން ގެންދެވީ، އެއްވެސް ނުރައްކަލެއް ނެތި، އިސްތަންބޫލްގައި ހުރި ކޮންސިއުލޭޓޫން ހަޝޯގީ ނިކުމެގެން ދިޔަ ކަމަށެވެ. ނަމަވެސް، އޭގެ 2 ހަފުތާ ފަހުން، ސައުދީއިން ވަނީ ހަޝޯގީ މަރާލާފައި ވާ ކަމަށް އިއުތިރާފްވެއެވެ. އަދި އެކަން ހިނގާފައި ވަނީ ސައުދީގެ އެންމެ އިސް އޮފިޝަލުންގެ އިޒުނައެއް އަދި ހުއްދައެއްވެސް ނެތި ކަމަށެވެ.

ބައިޑަން ވެރިކަމަށް ވަޑައިގެންނެވި ފަހުން އާންމު ކުރެއްވި ރިޕޯޓްގައިވެސް، ހަޝޯގީގެ މަރާ ގުޅިގެން އެމްބީއެސް ޖަވާބުދާރީ ކުރެއްވުމަށް ގޮވާލައެވެ. ނަމަވެސް، އެމްބީއެސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރުމަށް ބައިޑަންގެ ސަރުކާރުން ދެކޮޅު ހެދިއެވެ. ސަބަބެއް ކަމުގައި ވީ، ސައުދީއާއެކު އޮތް ގުޅުމެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ދަރިފުޅު ސަލާހް ޚަޝޯގީ (ވ) ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވަނީ/ފޮޓޯ: އެންބީސީ ނިއުސް

ބައިޑަންގެ ސަރުކާރަށް ފެށިގެން އައުމާއެކު ހެން، ޔަމަނުގައި ސައުދީއިން ކުރާ ހަނގުރާމައަށް އެއްބާރުލުން ދިނުން ހުއްޓާލެކަން އެމެރިކާއިން އިއުލާން ކުރިއެވެ. ނަމަވެސް، އެމެރިކާއިން އެކަން ފޫބައްދަމުން ދާކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަނިވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ، 500 މިލިއަން ޑޮލަރުގެ، ހެލިކޮޕްޓަރު މެއިންޓަނަންސް އެއްބަސްވުމެއް، ސައުދީ އާއެކު އެކުލަވާލާފައެވެ. އަދި ސައުދީގެ އަސްކަރިއްޔާއާއެކު، ދެ ގައުމު ބައިވެރިވާ ތަމްރީނުތަކެއް، ޖޫން މަހު ކުރިއަށް ގެންދިޔަ ކަން ހަނދާން ނައްތާލެވޭ ކަށް ނެތެވެ.

ބަދަލުވުމެއް ނެތް އަޒުމް

ގާނޫނީ އިމުން މަރާލެވޭ މީހުންނާ ބެހޭ އދގެ ހާއްސަ ރެޕަޗުއާ، އެގްނެސް ކެލަމާޑްވެސް ވަނީ، ބައިޑަންގެ ސަރުކާރާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ބައިޑަންގެ ސަރުކާރުގައިވެސް، ޖާސޫސީ ރިޕޯޓަށްފަހު، އެއްވެސް ކަމެއް ބަދަލު ނުވާ ކަމަށް ކެލަމާޑް ވިދާޅުވިއެވެ.

ކެލަމާޑް އިސްކޮށް ހުންނަވައިގެން 2019 ވަނަ އަހަރު އދއިން އާންމު ކުރި ރިޕޯޓްގައިވެސް، ހަޝޯގީގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ ސައުދީ ސަރުކާރު ކަމަށް ވަނީ ނިންމާފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ވ) އަދި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން/ފޮޓޯ: ޑެއިލީ ބީސްޓް

ހަޝޯގީގެ މަރަށް 3 އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ދިޔަ ހާއްސަ އިވެންޓެއްގައި ވާހަކަދައްކަވަމުން ކެލަމާޑް ވިދާޅުވީ، ހަޝޯގީގެ މަރުގެ ފަހަތުގައި ތިބި ފަރާތްތައް، އަދިވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވިފައި ނުވި ނަމަވެސް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، އދގެ ތަހުގީގުތަކުން، އެއީ ކޮން ބައެއްކަން "ފަޅާ އަރުވާލެވިފައި" ވާ ކަމަށެވެ.

ކަން މިހެން އޮތްއިރު، ޖައްރާރު ވިދާޅުވަނީ، ވައިޓްހައުސްގައި ކޮންމެ ބޭފުޅަކު ހުންނެވި ކަމުގައި ވީ ނަމަވެސް، ހަޝޯގީއަށް އިންސާނު ހޯދާ ދިނުމަށް ކުރާ މަސައްކަތަށް ބަދަލު ނާންނާނެ ކަމަށެވެ. ހަޝޯގީގެ މަރާ ގުޅިފައި ވާ ކޮންމެ މީހަކު، ހަތިޔާރު ފޮށީގައި ހުރި، ހުރިހާ ހަތިޔާރެއް ބޭނުން ކޮށްގެން ޖަވާބުދާރީ ކުރެވެން ޖެހޭނެ ކަމަށް ޖައްރާރު ގަބޫލު ކުރައްވައެވެ. އެ ހަތިޔާރުތަކުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކާ، ޝަރީއަތްތަކާއި ޖިނާއީ ދައުވާތައްވެސް ހިމެނޭ ކަމަށް ޖައްރާރް ވިދާޅުވިއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ކ) ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންނަނިކޮށް އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓޭޖުގެ ސްކްރީންގްރޭބް/ފޮޓޯ: ދި އޮސްޓްރޭލިއަން

އެމްބީއެސްއަށް ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގައި ހުރެ ލިޔުންތަކެއް ޝާއިއު ކުރަމުން ދިޔަ ހަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު އިމާރާތަށް ވަންނަނިކޮށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ކޮންސިއުލޭޓަށް އޭނާ ދިޔައީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ހަދީޖާ ޖެންގީޒްއާ ކައިވެނި ކުރުމަށް، ހަމަޖައްސަން ޖެހޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ. އޭގެ ފަހުން އަދާ ޖެހުނުއިރުވެސް ހަޝޯގީގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.

ހަޝޯގީ މަރާލުމުގެ ކުރިން އޭނާ ލިޔުނު އެންމެ ފަހު ކޮލަމްގައިވެސް އެމްބީއެސް އަށް ބޮޑެތި ފާޑުކިއުން ތަކެއް އަމާޒު ކޮށްފައި ވެއެވެ.