ވިނަރެސް ފުލެޓަށް ފޯމް ހުށަހެޅި ފަރާތްތަކުން އެޗްޑީސީގެ ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލިޔެކިއުން ހުށަހެޅުމަށާއި މިކަމާއި ބެހޭ މައުލޫމާތު ދިނުމަށް ބާއްވަން ހަމަޖެހިފައިވާ އޯޕަން ޑޭ މާދަމާ ފެށުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެޗްޑީސީން ބުނީ، އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ވޯޓާސްއެޖްގައި ކަމަށެވެ. އަދި ވަކިން ކޮންމެ ފަރާތަކަށް ވެސް އެޕޮއިންޓްމަންޓް ގަޑިއެއް ކަނޑައެޅިފައިވާ އިރު، މިކަމާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް ހިއްސާ ކުރާނީ މިކަމަށް ހާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރުން، އެޗްޑީސީން ވިނަރެސް އާ ގުޅޭ ހުރިހާ މައުލޫމާތެއް ވެސް ކުރިއަށް ގެންދާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ، އެއްވެސް ލިންކެއް އަދި ފައިސާގެ މުއާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެ ކަމަށާއި ނަމަވެސް މައި ހުޅުމާލެ ޕޯޓަލް އިން ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.
އަދި ވިނަރެސްއާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ހިއްސާ ކުރާނަމަ ގުޅާނީ އެޗްޑީސީގެ ނަންބަރު 3353535 އިން އެކަނި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ވަނީ މި ދުވަސް ވަރަކީ އޮޅުވާލައިގެން ސްކޭމްތައް އާއްމު ވެފައިވާ ދުވަސްވަރަކަށް ވެފައި، މި ފަދަ މަސައްކަތްތަކަށް ބޭނުން ކުރާ މަޢޫލޫމާތުގެ ހައްސާސް ކަމުން، މި ހުރިހާ ކަމަކަށް ވެސް އެންމެން ވެސް ސާމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.