ދިވެހި ސަރުކާރުން އަޅަން އިއުލާންކޮށްފައިވާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަނޑައެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާއެކު ސޮއިކޮށްފިއެވެ.

ބިން ހަވާލުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެޗްޑީސީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު އެ ރަސްމިއްޔާތުގައި އޯސީއެމްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝިހާބާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވަނީ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ދިވެހި ސަރުކާރުން އަޅަން އިއުލާނުކުރި ފުރަތަމަ ސަބްމެރިން ކޭބަލް އަޅަނީ އިންޑިއާގެ މަޝްހޫރު ކުންފުނި ރިލަޔަންސް ޖިއޯ ކުންފުންޏާއި ގުޅިގެންނެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސްއެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރީން ކޭބަލް އަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރާނެ ސަބްމެރީން ކޭބަލް ސިސްޓަމެކެވެ.