މުޖުތަމައުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް އެޗްޑީސީގެ ދެ މުވައްޒަފަކު އެންބަސެޑަރުންނަށް ކަނޑައަޅައިފިއެވެ.

އެޗްޑީސީއިން އެ ދެ އެންބަސެޑަރުން ކަނޑައަޅާފައި ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެންނެވެ.

އެޗްޑީސީއިން ބުނީ އެ ދެ އެންބަސެޑަރުން ކަނޑައަޅާފައި ވަނީ ހުޅުމާލޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހިމަނައިގެން އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް ކަމަށެވެ.

އެޗްޑީސީއިން އެ މަގާމަށް ކަނޑައަޅާފައި ވަނީ އެ ކުންފުނީގެ ދެ މުވައްޒަފުން ކަމުގައިވާ އާމިނަތު އިރާޝާ އަދި އަހުމަދު ނަޖީބެވެ.

އެޗްޑީސީއިން ބުނީ އެ ކުންފުނީގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކާއި ވެށި ބިނާކުރާ އިރު އެޗްޑީސީއަށް މުޖުތަމައުގެ އެފަދަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުމާއި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ހުށައަޅައި އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު މޮނިޓާ ކުރުން އަދި ނުކުޅެދުންތެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކުރުމަށް އެޗްޑީސީ އިން ރާވާ ޕްރޮގްރާމްތަކުގައި އެހީތެރިވެ ދިނުމަކީ އެ އެންބެސެޑަރުންގެ މަސްއޫލިއްޔަތެވެ.