ވޯލްޑްކަޕްގެ ތަށި 3 ފަހަރަށް އުފުލާލި ފްޓްބޯޅަ ލެޖެންޑް، ބެރެޒީލްގެ ޕެލޭގެ ސިއްހީ ހާލަތު ގޯސްވެ ދިރިހުރެދާނެ ކަުގެ އުއްމީދު ކަނޑާލާފައި ވަނިކޮށް، އުއްމީދު އާވެ އިތުރު ހިތްވަރު ލިބިއްޖެކަމަށް އޭނާ ބުނެފިއެވެ.

މިވަގުތު ސައުޕޯލޯ ހޮސްޕިޓަލްގެ ހާއްސަ ފަރުވާދޭ ކޮޓަރީގައި އޮވެ ޕެލޭ ބުނީ، އަދިވެސް ފަރުވާ ހުއްޓާނުލާ ކަމަށާއި، މިފަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލް ކުޅޭތަން ފެނުމާއި، އޭނާގެ ފޭނުންނާއި އޭނާ ދެކެ ލޯބިވާ މީހުންގެ ދުއާ އާއި އިހުލާސްތެރި މެސެޖްތަކުން އިތުރު ހިއްވަތު ލިބޭ ކަމަށެވެ.

ޕެލޭ މިހެން ބުނެފައި މިވަނީ އޭނާގެ ބައްޔަށް ދެމުން ގެންދާ ކީމޯ ތެރަޕީއަށް ރެސްޕޮންޑް ނުކުރާތީ އުއްމީދު ކަނޑާލާފައި ވަނިކޮށެވެ.

"ރައްޓެހިންނޭ، އަހަރެން ބޭނުންވަނީ އެންމެން ހަމަޖެހި ޕޮޒިޓިވް ވާން، އަހަރެން އަދި ހަމަ ގަދަ، އަހަންނަށް ފަރުވާ ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ޝުކުރެއް އަދާކުރަން، އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ"

މިހާރު އުމުރުން 82 އަހަރުގެ ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމާ ގުޅިގެން އޭނާ ބުނީ އެއީ ކޮންމެ މަހަކު ރޫޓީން ކޮށް ހޮސްޕިޓަލަށް ދާ ދިޔުމެއް ކަމަށެވެ. ނަމަވެސް އެ ދުވަހު އޭނާ އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ކީމޯ އަށް ރެސްޕޮންޑް ނުކުރާތީ ނުވަތަ އެ ފަރުވާއަށް ނުގުޑާތީއެވެ.

ޕެލޭ ވަނީ، ގޮހުރުގައި ޓިއުމަރެއް ހުރެގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ނަގާފައެވެ. އޭނާ އަށް ފަރުވާ ދޭ އިސްރޭލިޓާ އެލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން ބުނީ، ޕެލޭގެ ނޭވާލުމުގެ ނިޒާމުގައި ހުރި އިންފެކްޝަންތަކަށް ދެމުން ގެންދާ ފަރުވާއަށް ފުރިހަމަ އަށް ރެސްޕޮންޑް ކުރާ ކަމަށެވެ. އަދި ދެމުން ގެންދާ ކީމޯ ތެރަޕީގެ ފަރުވާ އިތުރަށް މުރާޖައާ ކުރަމުން ދާ ކަމަށް ބުނެފައި ވެސް ވެއެވެ.

ޕެލޭ ވަނީ 92 މެޗްގައި 77 ގޯލް ޖަހާ ބްރެޒީލްގެ ރެކޯޑް ހަދާގައެވެ. އަދި ވޯލްޑްކަޕްގެ 4 މުބާރާތެއްގައި އޭނާ ލަނޑުޖަހާފައިވެސް ވެއެވެ.