މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ގަރާޖު ހިންގަން ހުޅުމާލެއިން ބިން ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް 2 ފަންގި ފިލާއަށް އިމާރާތް ކުރެވޭނެގޮތަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަން ކަމަށާއި އެ ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރާ ކަމަށެވެ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގުން މެދުވެރިވާ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެޗްޑީސީއާއި ސަރުކާރާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.

އެޗްޑީސީން ގަރާޖު ހިންގުމަށް ހުޅުމާއިން ބިން ދޫކުރަން ނިންމާފައިވާއިރު ދާދި ފަހުން މާލޭގެ ގަރާޖެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 10 މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި މ. ނިރުފެހިގެ ހިމެނޭހެން 6 ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް, އެންޑީއެމްއޭ އިން ބުނެއެވެ.