ހުޅުމާލެ މަގުތަކުގައު ބަހަށާއި ބައިސްކަލަށް ލޭނެއް ހާއްސަކޮށް، ޓެރެފިކަށް ބޮޑު ބަދަލު ގެނެސްފިއެވެ.

އެޗްޑީސީން ބުނީ، 2015 ވަނަ އަހަރު ހެދިފައިވާ ޓްރާންސްޕޯޓް މާސްޓާޕްލޭންގެ ދަށުން، ހުޅުމާލެގައި ދިރިއުޅޭ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ދަތުރުފަތުރުކުރެވޭނެފަދަ އިންތިޒާމް ގާއިމްކުރުމުގެ ގޮތުން ހުޅުމާލެގެ މަގުތަކަށް ބަދަލުގެ ނައުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތަކުގައި ވެސް ލޭންތަކަށް ބަހައިލެމުގެ ކުރެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ބަހަށް ހާއްސަކޮށްގެން، ބަސް ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ބަސް ލޭނެއް ކަނޑައަޅާފައިވާ ކަމަށާއި އަދި މީގެ އިތުރުން އެހެނިހެން ވެހިކަލްތަކަށާއި ބައިސިކަލް ދުއްވުމަށް ވެސް ހާއްސަ ލޭނެއް ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މިއީ ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

ހުޅުމާލެ މެއިން މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިން ހުންނައިރު 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް ޕްލޭން އެކުލަވާލާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މި ބަދަލު ގެނައުމަށް މިހާތަނަށް އެ ކޯޕަރޭޝަނުން މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގައި ކަމަށެވެ. މި ބަދަލާއި އެކު ހުޅުމާލެގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކޮށްފައި ނުބެހެއްޓޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެހެން ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމް އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދެވިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

އެޗްޑީސީން ބުނީ، މިހާރުވެސް ގިނަ ޕާކިން ލޮޓްތަކެއް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް، ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެގެ ޕަބްލިކް ޓްރާންސްޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެގައި ބައިސިކަލް ލޭނެއް ގާއިމްކުރުމުގެ ގޮތުން ބައިސިކަލް ލޭން ކުރެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ، މަގު 4 ލޭން އަކަށް ބަހާލާފައިވާއިރު، ބަސް ލޭންއަކާއި ސައިކަލު ދުއްވާ ލޭންގެ އިތުރުން އެއް ލޭން ކަނޑައަޅާފައިވަނީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޭނުންކުރުމުގެ ގޮތުން ކަމަށެވެ.

ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއިއެކު، ބާރު ސްޕީޑްގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅިފައިވުމުން ދުއްވާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންނުޖެހި މަގު ބޭނުންކުރުމުގެ ފުރުސަތު ދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލްލޭނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށާއި މިބަދަލާއިއެކު، މަގުގެ ހިނގާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރަހާފައި ހުންނާނެ ކަމަށެވެ.

މިއީ އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވިގެންދާ ކަމެއް ކަމަށާއި ހުޅުމާލެގައި މިފަދައިން ލޭންތަކެއް ކަނޑައަޅާ މި ލޭނާއި އެއްގޮތަށް ދަތުރުފަތުރުގެ ކަންކަން ކުރަން ފެށުމުން އާންމުންނަށް ލުއިފަސޭހަވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިފަދަ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރިޔަށް ގެންދިޔުމަށްޓަކައި އާންމުންގެ ފަރާތުން ވެސް އެއްބާރުލުން ނުހަނު ބޭނުންވާނެ ކަން އެޗްޑީސީން ފާހަގަކުރެއެވެ.