މަސްވެރިންނަށް އަގު ހެޔޮކޮށް މާލެ ސަރަހައްދުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަމަށް ހައްލު ހޯދައި ދިނުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދުން ފެށިގެން ތެޔޮ ވިއްކަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގަސަމް ވިދާޅުވީ، ހުޅުމާޅޭގައި މަސްވެރިންނަށް ތެޔޮ ވިއްކަމުން އައި އެންސިސްގެ ތެޔޮ މަރުކަޒު ވަނީ އެފްއެސްއެމްއާ ހަވާލުކޮށްފައި ކަމަށާއި އެތަނުން މިއަދުން ފެށިގެން މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ކަންކަން ފަށާނެ ކަމަށެވެ. އެ ތަނުން ތެޔޮ ވިއްކާނީ މިހާރު މިފްކޯއިން ތެޔޮ ވިއްކާ ރޭޓަށް ކަމަށާއި އެހެންކަމުން މީގެ ކުރިން އެތަނުން މަސްވެރިންނަށް ތެޔޮ ވިއްކާފައިވާ އަގަށް ވުރެ ކުޑަ އަގެއްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ގަސަމް ވިދާޅުވިއެވެ.
މި ގޮތަށް ބަދަލު ގެނެސްފައި ވަނީ މަސްވެރިންނަށް މާލެ ސަރަހައްދުގައި ތެޔޮ ގަތުމަށް ދިމާވާ ދަތިތަކަށް ލުއި ގޮތްތައް ހަމަޖައްސައި ދިނުމަށް ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ. މިއީ އެފްއެސްއެމަށް ފައިދާއެއް ނުލައި ހަމައެކަނި މަސްވެރިންނަށް ހިދުމަތް ދިނުމަށް ތެޔޮ ވިއްކަން ނިންމި ނިންމުމެއް ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.
އެންސިސް އިން ހުޅުމާލޭގައި މަސްވެރިންނަށް ތެޔޮ ވިއްކި އިރު ވިއްކަމުން އައީ މިފްކޯއިން ތެޔޮ ވިއްކާ ރޭޓަށް ވުރެ އަގު ބޮޑުކޮށެވެ. މިފްކޯ ރޭޓަށް ރެޔޮ ވިއްކާނެ ކަަމަށް ގަސަމް ވިދާޅުވި އިރު، މިހާރު މިފްކޯއިން މަސްވެރިންނަށް ޑީސެލް ވިއްކާ ރޭޓަކީ 14.44 ރުފިޔާއެވެ. އެހެންކަމުން މިއަދުން ފެށިގެން ކުރިން އެންސިސް އިން ތެޔޮ ވިއްކި ޝެޑުން މަސްވެރިންނަށް އެ އަގުގައި ތެޔޮ ވިއްކާނެއެވެ.
މާލެ ސަރަހައްދުގައި މަސްވެރިން ތެޔޮ ގަތުމަށް ހުޅުމާލެއަށް ދާ އިރު، މިފްކޯ ރޭޓްގައި ތެޔޮ ނުވިއްކާ މައްސަލައަކީ މަސްވެރިން ހައްލު ބޭނުންވެފައިވާ ޝަކުވާއެކެވެ. މި ސަރުކާރު އައި ފަހުން މަސްވެރިންނަށް ދޭ ލުއިތަކުގެ ތެރެއިން ތެލުން ސަބްސިޑީ ދޭން ނިންމައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ސަބްސިޑީއާ އެއްގޮތަށް ތެޔޮ ލިބުނަސް މާލެ ސަރަހައްދުގައި މަސްވެރިނަނަށް ތެލުގެ އަގު ބޮޑުވާ މައްސަލަ އަކީ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭ ވެސް މަސްވެރިން ކުރަމުން އައި ޝަކުވާއެކެވެ.